ދުނިޔޭގެ އެންމެ މަޝްހޫރު އަދި ގިނަ ބަޔަކު އިތުބާރު ކުރާ ޔުނިވާސިޓީތަކުގެ އެންމެ ކުރީގައި އުޅޭ އިނގިރޭސި ވިލާތުގެ އޮކްސްފޯޑުން ޕީއެޗްޑީ ހާސިލްކުރި ފުރަތަމަ ދިވެއްސަކަށް ޒުވާން ގާނޫނީ ވަކީލު އަހުމަދު ޝައްފާން މުހައްމަދު ވެއްޖެއެވެ.
ޝައްފާން ތީސިސް ހެދީ ކޮޕީރައިޓް ގާނޫނުގައި ހިމެނޭ ޖިނާއީ ފިޔަވަޅުތަކުގެ ގާނޫނީ އަސާސްގެ މައްޗަށެވެ.
މަޝްހޫރު ވިޔަފާރިވެރިޔާ އަދި އިނާ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގުގެ ދަރިފުޅު ޝައްފާން 30، އޮކްސްފޯޑުން ޕީއެޗްޑީ ހާސިލް ކުރީ ހަތަރު އަހަރު ކިޔެވުމަށް ފަހުގައި އިއްޔެއެވެ. މިއީ އޮކްސްފޯޑް ޔުނިވަސިޓީގައި ދިވެއްސަކަށް މިހާ ބޮޑު ކާމިޔާބީއެއް ލިބުނު ފުރަތަމަ ފަހަރެވެ.
އޯ ލެވެލް އަދި އޭ ލެވެލްގައި ވެސް ރާއްޖޭގެ އެއްވަނަ ހޯދި ޝައްފާންގެ ބައްޕަ ފިރާގު ވިދާޅުވީ ބެލެނިވެރިއެއްގެ ހައިސިއްޔަތުން ޝައްފާން ހޯދި ކާމިޔާބީއާ މެދުގައި ވަރަށް ބޮޑަށް އުފާވެ، އެކަމާ ފަހުރުވެރިވެވަޑައިގަންނަވާ ކަމަށެވެ. ދުނިޔޭގެ އެންމެ މަޝްހޫރު އެއް ޔުނިވާސިޓީން ޕީއެޗްޑީ ފުރިހަމަ ކުރުމަކީ އާދަޔާ ހިލާފު ކާމިޔާބީއެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ފިރާގު ވިދާޅުވި ގޮތުގައި ޝައްފާނަށް މި ކާމިޔާބީ ހާސިލް ކުރެވުނީ ގިނަ ބަޔަކު އޭނާގެ ފަހަތުގައި ހުރެ މަގު ދައްކައި ދިނުމުންނެވެ. އެގޮތުން ޝައްފާންގެ މަންމަ އާއި ޓީޗަރުންނާއި ގާތް މީހުން މަގު ދައްކައިދީ، ހިތްވަރު ދިން ކަން ފިރާގު ފާހަގަކުރެއްވިއެވެ.
“ބައްޕައެއްގެ ހައިސިއްޔަތުން އަޅުގަނޑު ވަކިން ބޮޑަށް ފަހުރުވެރިން، މިހާ އިހްތިރާމް ލިބިގެންވާ ޔުނިވަސިޓީއެއްގައި ދިވެއްސަކަށް ފުރަތަމަ ފަހަރަށް މިހާ ބޮޑު ކާމިޔާބީއަކާ ހަމައަށް ވާސިލްވެވުނީމަ،” ފިރާގު ވިދާޅުވިއެވެ.
މި ތައުލީމާއި ތަޖުރިބާ ބޭނުންކޮށްގެން ނަޒާހަތްތެރިކަމާއި ހިތްވަރާއެކުގައި ގައުމަށް ހިދުމަތް ކުރެއްވުމަށް ޝައްފާންގެ ކިބައިން ފިރާގު އެދިވަޑައިގެންނެވިއެވެ.


ކިޔުންތެރިންގެ ހިޔާލު