ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް، މަޝްވަރާ ކުރުމަކީ އަބަދުވެސް ލިބިވަޑައިގަންނަވާ އުފަލެއް ކަމަށް ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
އދ.ގެ އާންމު މަޖިލީހުގެ 80 ވަނަ ބައްދަލުވުމުގެ ހަވާސާގައި ހާރިޖީ ވަޒީރު ޑރ. ޅަލީލް އާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިޔަމް ޖައިޝަންޖަރު ވަނީ ބައްދަލުކުރައްވާފައެވެ.
ބައްދަލުކުރެއްވުމާއި ގުޅިގެން ޖައިޝަންކަރު “އެކްސް” ގައި ކުރެއްވި ޕޯސްޓް ރީޕޯސްޓް ކުރައްވާ ޚަލީލް ވިދާޅުވީ އދ.ގެ އާންމު މަޖިލީހުގެ 80 ވަނަ ބައްދަލުވުމުގެ ހަވާސާގައި ޖައިޝަންކަރުއާ ބައްދަލު ކުރެއްވުމަށް ފުރުސަތު ލިބިވަޑައިގެންނެވި ކަމަށާއި ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
ޖައިޝަންކަރުގެ ޕޯސްޓްގައި ވަނީ ރާއްޖޭގެ ތަރައްގީއަށް އިންޑިއާ އިން ދޭ އެހީތެރިކަން އެގޮތުގައި ދެމި އޮންނާނެ ކަމަށް ވިދާޅުވެފައެވެ.
އ.ދ ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ފޮރިން މިނިސްޓަރު، ޑރ. އަބްދުﷲ ހަލީލު އެމެރިކާއަށް ފުރާވަޑައިގެންނެވީ އާދިއްތަ ދުވަހެވެ.
މިއީ ރާއްޖެ އ.ދ ގެ މެމްބަރު ގައުމެއްގެ ގޮތުގައި ބައިވެރިވިތާ 60 އަހަރު ފުރޭ މުހިންމު އަހަރެކެވެ. ރާއްޖެ މިނިވަންވީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. މިނިވަންވުމުގެ 25 ދުވަސް ފަހުން، ރާއްޖެއިން ވަނީ އ.ދ ގައި ބައިވެރިވުމަށް އެދި ހުށަހަޅާފައެވެ.
އދ. ގެ އާންމު މަޖިލީހުގެ ޖަލްސާތަކުގައި މީގެކުރިން ވެސް ވަޒީރުން ވަނީ ބައިވެރިވެވަޑައިގެން ފަލަސްތީނުގެ ހައްގުގައި އަޑުއުފުޅާފައެވެ. އެގޮތުން ފަލަސްތީނަށް ހައްގު ހޯދައިދިނުމަށް ދުނިޔޭގެ އެތައް ގައުމެއްގައި އެތައް ބަޔަކު އިއްވަމުންދާ އަޑު އެމެރިކާގެ އެންމެ ވޯޓަކުން ކަނޑުވާލުމަކީ ލަދުވެތި ކަމެއްކަން ރާއްޖެއިން ވަނީ މީގެ ކުރިން އެތައް ފަހަރަކު ފާހަގަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު