ހުޅުމާލޭގެ ދެ ފޭސް ގުޅުވައިދޭ ޗެނަލްގައި މިއަދުން ފެށިގެން އިންޖީނުލީ އުޅަނދު ފަހަރު ދުއްވުން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މަނާކޮށްފިއެވެ.
މިއަދު އެކަން މަނާވާނެކަން އަންގާ މީގެ ތިން ދުވަސް ކުރިން އެޗްޑީސީއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ހުޅުމާލޭގެ އެއްވަނަ އަދި ދެވަނަ ފިޔަވައްސާއި ގުޅޭ ސަރަހައްދުގެ ޗެނެލަކީ ކުޑަކުދިންނާއި ބޮޑެތި މީހުން ހިމެނޭގޮތަށް ގިނަ އަދަދެއްގެ ރައްޔިތުން މޫދަށް އެރުމަށާއި މުނިފޫހިފިލުވުމަށް ބޭނުންކުރާ ސަރަހައްދެއް ކަމަށެވެ.
އޭގެ އިތުރުން އެ ސަރަހައްދަކީ އެޗްޑީސީގެ ތިމާވެށި ހިމާޔަތްކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ދަށުން މުރަކަ އިންދާ އާލާކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދެއް ކަމަށް ވިދާޅުވިއެވެ.
އެހެންކަމުން އެ ސަރަހައްދުގެ ތެރޭގައި އިންޖީނުލީ އުޅަނދު ފަހަރު ދުއްވުމަކީ އެ ސަރަހައްދުގައި މޫދަށް އެރި އުޅޭ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސްއެޅޭ ކަމެއް ކަމަށް އެޗްޑީސީން ވިދާޅުވިއެވެ.
އަދި އެ ސަރަހައްދުގެ މޫދުގައި މުރަކަ އިންދައި އާލާކުރުމަށް އެ ކޯޕަރޭޝަނުން ކުރަމުން އަންނަ މަސައްކަތަށް ދަތިވާތީ މިއަދުން ފެށިގެން އިންޖީނުލީ އުޅަނދު ފަަހަރު އެ ސަރަހައްދުގެ ތެރޭގައި ދުއްވުމަކީ މަނާކަމެއް ކަމުގައި ވިދާޅުވިއެވެ.
އެޗްޑީސީން ވަނީ އެ ކޯޕަރޭޝަނުގެ ފަރާތުން އަންގާ އެންގުންތަކަށް ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު