ދިވެހި ވަތަނީ ހިދުމަތް (ނޭޝަނަލް ސާވިސް ޕްރޮގްރާމް) ގެ ފުރަތަމަ ބުރުގެ ތަމްރީންތަކުގައި ބައިވެރިވާ 340 ބައިވެރިން މިއަދު ޅ. މާފިލާފުއްޓަށް ފުރައިފިއެވެ.
މިއީ ދިވެހި ގައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫހާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކޮށް މަސައްކަތަށް އަހުލުވެރި އަހްލާގް ރަނގަޅު ހަރުދަނާ ޒުވާން ޖީލެއް ބިނާ ކުރެއްވުމަށް ރައީސް ޑރ. މުއިއްޒު އިސް ނަންގަވައިގެން ރާއްޖޭގައި މުޅިން އަލަށް ފެށި ޕްރޮގްރާމެކެވެ.

ޑިފެންސް މިނިސްޓްރީން މިއަދު ވިދާޅުވީ ދިވެހި ވަތަނީ ހިދުމަތުގެ ތަމްރީންގެ ފުރަތަމަ ބުރަށް ހޮވުނު ބައިވެރިން މާފިލާފުއްޓަށް ފުރީ މިއަދު ހެނދުނު ކަމަށެވެ. ތަމްރީނުގެ ފުރަތަމަ ބުރަށް ހޮވުނު 340 ބައިވެރިން މާފިލާފުށީގައި ތިން މަސް ދުވަހުގެ ތަމްރީންތައް ފުރިހަމަ ކުރާނެ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.
ދިވެހި ވަތަނީ ހިދުމަތުގެ ތަމްރީނުގެ ފުރަތަމަ ބުރަށް ބައިވެރިން ހޮވުމުގެ މަރުޙަލާ މިއަހަރުގެ ޖުލައި މަހު ބާއްވާފައިވަނީ މާލެ ސިޓީ، ހއ. ދިއްދޫ، ކުޅުދުއްފުށި ސިޓީ، ށ. ފުނަދޫ، ނ. މަނަދޫ، ރ. އުނގޫފާރު، އދ. މަހިބަދޫ، ފ. ނިލަންދޫ، ތ.ވޭމަންޑޫ، ލ. ގަން އަދި އައްޑޫ ސިޓީ ހިތަދޫގައެވެ.
މި މަރުޙަލާގައި ބައިވެރިން އިންޓަވިއު އާއި މެޑިކަލް ޓެސްޓްތަކާއި އެޕްޓިޓިއުޑް ޓެސްޓްގެ އިތުރުން ފިޓްނަސް ޓެސްޓްތައް ވެސް ފުރިހަމަކޮށްފައިވެއެވެ.
މި ޕްރޮގްރާމަށް ކުރިމަތިލުމަށް ހުޅުވާލީ މިދިޔަ އޭޕްރީލް މަހުއެވެ. އެ މުއްދަތު މިދިޔަ މަހުގެ ކުރީކޮޅު ހަމަވިއިރު، 1،200 އަށް ވުރެ ގިނަ މީހުން ވަނީ މި ޕްރޮގްރާމަށް ކުރިމަތިލައިފައެވެ. އެ ފުރުސަތު ހުޅުވާލީ އުމުރުން 16-28 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. ނަމަވެސް، 18 އަހަރުން ދަށުގެ ކުދިންނަށް ފޯމު ހުށަހެޅޭނީ ބެލެނިވެރިޔާގެ ރުހުން އޮތްކަމުގެ ސިޓީއަކާއެކުގައެވެ.
ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި ސިފައިންގެއަށް ކޮންމެ އަހަރަކު 1،000 މީހުން އަދި ފުލުހުންގެ ހިދުމަތް ފުޅާކުރަން މި ދައުރުގެ ތެރޭގައި އިތުރު 1،000 މީހުން ބޭނުންވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މި ޕްރޮގްރާމް ފަށާއިރު، ކޮންމެ ބައިވެރިއަކަށް 6،000 ރުގިޔާގެ އެލަވަންސެއް ދޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު