ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ މުއައްސަސާއަކަށް ހެދުމުގެ ލަނޑުދަނޑިއަށް ވާސިލްވުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި އަންހެން ފުލުހުން ކުރާ މަސައްކަތްތަކުގެ އަގު ވަޒަން ނުކުރެވޭހާ ބޮޑު ކަމަށް ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) އިސްމާއީލް ނަވީން ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ވިމަން އިން ޕޮލިސިން ދުވަހުގެ މުނާސަބަތުގައި، ދިވެހި ފުލުހުންގެ ހިދުމަތުގައި މަސައްކަތްކުރާ ކަނބަލުންގެ ދައުރާއި ގުރުބާނީ ފަހުރުވެރިކަމާއެކު ފާހަގަކުރައްވައި ދެއްވި ހިތާބުގައި ނަވީން ވިދާޅުވީ، ހަމަހަމަ ފުރުސަތުތައް ފޯރުކޮށްދިނުމަށާއި، އަންހެން އޮފިސަރުން ބާރުވެރި ކުރުވުމަށާއި، އަދި ލީޑަރުންނާއި ރޯލް މޮޑެލުންގެ ގޮތުގައި ކަނބަލުންގެ ކުރިއެރުމަށް އެހީތެރިވެދިނުމަށް އަޒުމު އައުކުރައްވާ ކަމަށެވެ.
ސީޕީ ނަވީން ފާހަގަކުރެއްވި ގޮތުގައި، ދިވެހި ފުލުހުންގެ ހިދުމަތުގެ ކާމިޔާބީ ބިނާވެފައިވަނީ އެ ހިދުމަތުގައި މަސައްކަތްކުރައްވާ ހުރިހާ މުވައްޒަފުންގެ މައްޗަށެވެ. ހާއްސަގޮތެއްގައި، ރައްކާތެރިކަމާއި އަދުލު އިންސާފާއި ރައްޔިތުންގެ އިތުބާރު ލިބިފައިވާ މުއައްސަސާއަކަށް އެ ހިދުމަތް ހެދުމަށް ކުރެވޭ މަސައްކަތުގައި އަންހެން ފުލުހުންގެ ހިއްސާ ބޮޑުކަން ފާހަގަކުރައްވައި، އެ ކަނބަލުންގެ މަސައްކަތުގެ އަގު ވަޒަންނުކުރެވޭހާ ބޮޑު ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ.
“ފުލުހުންގެ ހިދުމަތުގެ ހުރިހާ ދާއިރާއެއްގައިވެސް މުހިންމު ދައުރެއް އަންހެނުން އަދާކުރާއިރު، ފްރަންޓްލައިން ޑިއުޓީތަކުން ފެށިގެން ލީޑާޝިޕާ ހަމައަށް، މުޖުތަމައާ ގުޅުން ބަދަހިކުރުމުން ފެށިގެން ހާއްސަ ތަހުގީގުތަކާ ހަމައަށް ބެލިކަމުގައިވިޔަސް އެކަން ފެނިގެންދޭ.” ސީޕީ ވިދާޅުވިއެވެ.
ފުލުހުންގެ ހިދުމަތުގެ ހުރިހާ ދާއިރާއެއްގައިވެސް އަންހެނުން މުހިންމު ދައުރެއް އަދާކުރާކަން ސީޕީ ނަވީން ފާހަގަކުރެއްވިއެވެ. އަދި ފްރޮންޓްލައިން ޑިއުޓީތަކުން ފެށިގެން ލީޑާޝިޕް މަގާމުތަކާ ހަމައަށް، އަދި މުޖުތަމައާ ގުޅުން ބަދަހިކުރުމުން ފެށިގެން ހާއްސަ ތަހުގީގުތަކާ ހަމައަށް ބެލިކަމުގައިވިޔަސް އަންހެން ފުލުހުންގެ ހުނަރާއި ގާބިލުކަން ފެނިގެންދާކަން ނަވީން ފާހަގަކުރެއްވިއެވެ.
މި ހިދުމަތުގައި އަންހެނުން ދެމިތިބުމަކީ، އަންހެނުން އަދާކުރާ ދައުރަށް އިހުތިރާމްކޮށް، އަންހެނުން ބާރުވެރިކޮށް، ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތައް ދައްކުވައިދޭ ކަމެއްގެ ގޮތުގައި ސީޕީ ނަވީން ސިފަކުރެއްވިއެވެ.
މެސެޖުގެ ނިންމާލައްވަމުން ސީޕީ ވަނީ އަންހެން ފުލުހުންގެ އިޚުލާސްތެރިކަމާއި، ހިތްވަރާއި، ޕްރޮފެޝަނަލްކަން ފުލުހުންގެ މުއައްސަސާ ހަރުދަނާކޮށް ކުރިއަރުވައި، އަދި މުޖުތަމައަށް ފޯރުކޮށްދެމުންދާ ހިދުމަތުގައި މުހިންމު ދައުރެއް އަދާކުރާ ކަމަށް ވިދާޅުވެ، އެ ކަނބަލުންގެ ހިއްސާއަށް ޝުކުރު އަދާކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު