ފަލަސްތީނުގެ ދައުލަތެއް އުފެއްދުމަށް ހަދާފައިވާ ނިއުޔޯކް ޑެކްލެރޭޝަން އޮން ދަ ޕީސްފުލް ސެޓްލްމަންޓް އޮފް ދަ ކުއެއްޝަން އޮފް ފަލަސްތީން އެންޑް ދަ އިންޕްލިމެންޓޭޝަން އޮފް ދަ ޓޫ-ސްޓޭޓް ސޮލިއުޝަން ގަރާރު އދ. ގެ އާންމު މަޖިލިހުން މިއަދު ފާސްކޮށްފިއެވެ.
މި ގަރާރު ފާސްކޮށްފައި ވަނީ ރާއްޖޭގެ ވޯޓާ ވެސް އދ.ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ދެވަނަ ޕްލެނަރީ ޖަލްސާގައެވެ.
މި ގާރާރު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި ގައުމުތަކުގެ ތެރެއިން 142 ގައުމުގެ ތާއީދާއެކުގައެވެ. މިގަރާރާ ދެކޮޅަށް 10 ގައުމުން ވޯޓުދީފައިވާއިރު 12 ގައުމަކުން ވަކިކޮޅަކަށް ވޯޓުދޭން ބޭނުންނުވާކަމަށް ވަނީ ކަނޑައަޅާފައެވެ.
މި ޑެކްލަރޭޝަނަކީ މި އަހަރުގެ ޖުލައި މަހުގެ 28 އިން 30 ޖުލައި އަށް ސައޫދީ އަރަބިއްޔާ އާއި ފަރަންސޭސިވިލާތުގެ ރިޔާސަތުގެ ދަށުން އ.ދ. ގައި ބޭއްވި ހައި ލެވަލް އިންޓަނޭޝަނަލް ކޮންފަރެންސް ފޮ ދަ ޕީސްފުލް ސެޓްލްމަންޓް އޮފް ދަ ކުއެއްޝަން އޮފް ޕަލަސްތީން އެންޑް ދަ އިންޕްލިމެންޓޭޝަން އޮފް ދަ ޓޫ-ސްޓޭޓް ސޮލިއުޝަން ގެ ނަތީޖާ ޑޮކިއުމަންޓެވެ.
ފަލަސްތީނުގެ މައްސަލައަށް އިންސާފުވެރި، ދެމެހެއްޓެނިވި ޙައްލެއް ހޯދުމަށާއި، ފަލަސްޠީނުގައި މިނިވަން، އިގްތިސާދީ ގޮތުން ދެމެހެއްޓެނިވި އަދި ޑިމޮކްރެޓިކް ދައުލަތެއް ބިނާކުރުމަށް މި ޑެކްލަރޭޝަންގައި ހާއްސަކޮށް ގޮވާލާފައިވާއިރު މިކަމަކީ، އޭގެ ސަބަބުން ބައިނަލްއަގްވާމީ އުސޫލުތަކާއި، ސަރައްހައްދީ ސަލާމަތާއި، އިންސާނީ ހައްގުތަކަށް އިހްތިރާމްކުރުމާއި، އަމިއްލައަށް ކަންކަން ނިންމުމަށް ގައުމުތަކަށް ލިބޭ ހައްގު އިތުރަށް ހަރުދަނާ ވެގެންދާނެ ކަމެއް ކަމަށް ހާރިޖީ ވުޒާރާއިން ވިދާޅުވިއެވެ.
މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި، ސުލްހަވެރި ހައްލެއް ގެނެވޭނީ 1967 ވަނަ އަހަރުގެ ކުރިން އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްޠީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، އެއީ މިނިވަން، މުސްތަގިއްލުދައުލަތެއްގެ ގޮތުގައި ބައިނަލްއަގްވާމީ ގާނޫނުތަކާއި އ.ދ ގެ ޗާޓަރާއި އެއްގޮތް ވާގޮތުގެ މަތިން ފަލަސްތީނުގެ ދައުލަތް ގާއިމުކުރެވުމުންކަމުގައި ރާއްޖެއިން ގަބޫލު ކުރެއެވެ.
މި ގަރާރާ ގުޅިގެން އެންމެ ބޮޑަށް ދެކޮޅު ހެދި އެއް ބަޔަކީ އިސްރާއީލެވެ. އިސްރާއީލުން ބުނެފައިވާ ގޮތުގައި މިއީ އޮކްޓޯބަރު 7، 2023 ގައި އެ ގައުމުގެ ސަރަހައްދުތަކަށް އަރައި ހަމާސް އިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރައި، ގިނަ ބަޔަކު ޒަހަމްކޮށްލުމާ ގުޅިގެން ދިން ހަދިޔާއެކެވެ.
އެކަމަކު، މި ގަރާރުގައި ހަމާސްގެ އަމަލުތައް ވެސް ކުށްވެރިކޮށްފައި އޮތްއިރު، އިސްރާއީލްގެ ހުރިހާ އަސީރުން މިނިވަން ކުރަން ގޮވާލާފައިވެއެވެ. އިސްރާއީލުން ބުނާ ގޮތުގައި މިހާރު ވެސް ޣައްޒާގައި ފަންސާހަކަށް އަސީރުން އެބަތިބިއެވެ. އޭގެ ތެރެއިން ވިއްސަކަށް މީހުން ދުނިޔޭގައި ތިބި ކަމަށް އިސްރާއީލުން ގަބޫލު ކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު