މި އަހަރުގެ ފުރަތަމަ ހަތް މަސް ދުވަހުގެ ތެރޭގައި ދިވެހިރާއްޖެއިން ބޭރުކުރި މަހުގެ އަދަދު ހީނުކުރާހައި ބޮޑަށް އިތުރުވެފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، މަސް އެކްސްޕޯޓްކުރި މިންވަރު 88.8 އިންސައްތަ އިތުރުވެފައިވެއެވެ. މިއީ ދިވެހި މަސްވެރިކަމުގެ ސިނާއަތަށް ލިބުނު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ.
އެމް.އެމް.އޭގެ ތަފާސްހިސާބުތައް ހާމަކުރާގޮތުން، މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ރާއްޖެއިން ޖުމްލަ 52,763 މެޓްރިކްޓަނުގެ މަސް ވަނީ އެކްސްޕޯޓްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއިން އެކްސްޕޯޓްކޮށްފައިވަނީ 27,950 މެޓްރިކްޓަނުގެ މަހެވެ. އެހެންކަމުން މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މި ސިނާއަތަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ.
ފިނިކުރި ތާޒާ ކަނޑުމަހުގެ ގޮތުގައި އެކްސްޕޯޓްކޮށްފައިވާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވެއެވެ. މި އަހަރުގެ ފުރަތަމަ 7 މަސް ދުވަހުގެ ތެރޭގައި 47,902 މެޓްރިކްޓަނުގެ ކަނޑުމަސް އެކްސްޕޯޓްކޮށްފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި އެކްސްޕޯޓްކޮށްފައިވަނީ 23,234 މެޓްރިކްޓަނުގެ މަހެވެ. އެހެންކަމުން މިއީ 106.2 އިންސައްތައިގެ ހީނުކުރާފަދަ ކުރިއެރުމެކެވެ.
ކަނޑުމަސް ނުހިމަނައި ފިނިކުރި ތާޒާ މަހުގެ ގޮތުގައި 430 މެޓްރިކްޓަނުގެ މަސް މި އަހަރުގެ ފުރަތަމަ 7 މަހު އެކްސްޕޯޓްކުރެވިފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކުރީ 391 މެޓްރިކްޓަނުގެ މަހެވެ. މިއީ 10 އިންސައްތައިގެ އިތުރުވުމެކެވެ. މީގެއިތުރުން ޕްރޮސެސްކޮށްގެން އެކްސްޕޯޓްކުރި މަހުގެ މިންވަރު ވެސް ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެފައެވެ. މި އަހަރުގެ ފުރަތަމަ 7 މަހު 895 މެޓްރިކްޓަނުގެ މަސް ޕްރޮސެސްކޮށް އެކްސްޕޯޓްކުރެވިފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކުރެވުނީ 572 މެޓްރިކްޓަނެވެ. މިއީ 65 އިންސައްތައިގެ ކުރިއެރުމެކެވެ.
ނަމަވެސް، ދަޅުގައި ބަންދުކޮށްގެން އެކްސްޕޯޓްކުރި މަހުގެ އަދަދު މި އަހަރުގެ ފުރަތަމަ ހަތް މަސް ދުވަހު ދަށަށް ގޮސްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މި އަހަރުގެ މި މުއްދަތުގައި ދަޅު މަސް އެކްސްޕޯޓްކުރެވިފައިވަނީ 3,536 މެޓްރިކްޓަނެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކުރެވިފައިވަނީ 3,752 މެޓްރިކްޓަނެވެ.
މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހަށް ބަލާލާއިރު ރާއްޖެއިން މަސް އެކްސްޕޯޓްކޮށްގެން ލިބުނު އާމްދަނީ 43 އިންސައްތަ އިތުރުވެފައިވާކަމަށް އެމްއެމްއޭއިން ވަނީ ހާމަކޮށްފައެވެ.
މަސްވެރިކަމުގެ ސިނާއަތުން ލިބޭ އާމްދަނީ އިތުރުކޮށް، ގައުމީ އިގްތިސާދުގައި އެ ސިނާއަތުގެ ހިއްސާ ބޮޑުކުރުމަކީ ސަރުކާރުގެ އެންމެ މުހިންމު އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި، މަސް ޕްރޮސެސިން ކެޕޭސިޓީއާއި މަސް ރައްކާކުރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ސަރުކާރުން މިހާރުވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވާ ގޮތުގައި، ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި މަސް ޕްރޮސެސިން ކެޕޭސިޓީ ނުވަ ގުނަ އިތުރުކުރުމެވެ.


ކިޔުންތެރިންގެ ހިޔާލު