ފެނަކަ އިންސްޓިޓިއުޓުން އިންތިޒާމްކޮށްގެން ބޭއްވި ކެރިއާ ގައިޑެންސް ޕްރޮގްރާމުގައި 1126 ދަރިވަރުން ބައިވެރިވެއްޖެއެވެ.
މިއީ ގައުމީ އިންޖިނިއަރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފެނަކައިން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. ޕްރޮގްރާމް ކުރިއަށް ގެންދިޔައީ ގްރޭޑް 10 އަކުން މަތީގެ ދަރިވަރުންނަށެވެ.

ފެނަކައިން އެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުން ފެށިގެން މި މަހުގެ އެއްްވަނަ ދުވަހުގެ ނިޔަލަށެވެ. އެ ޕްރޮގްރާމް ކުރިއަށް ގެންދިޔައީ ރާއްޖޭގެ 16 ރަށެއްގައެވެ.
ފެނަކައިން ވިދާޅުވީ އެ ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ ސްކޫލް ދަރިވަރުންގެ މެދުގައި އިންޖިނިއަރިން ދާއިރާއަށް ޝައުގުވެރިކަން އުފެއްދުން ކަމަށެވެ. އަދި އެ ދާއިރާއިން ލިބެން ހުރި ފުރުސަތުތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުން ކަމަށެވެ.

ޕްރޮގްރާމްގެ ތެރެއިން ދަރިވަރުންނަށް ވަނީ އެ ރަށެއްގައި ހުރި ފެނަކައިގެ އިންޖީނުގެތަކަށާއި އެހެނިހެން މަސައްކަތް ސަރަހައްދުތަަކަށް ޒިޔާރަތްކޮށް، އެތަންތަނުގައި ކުރާ މަސައްކަތްތަކާ ބެހޭ މައުލޫމާތު ދީފައި ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ. އަދި އަމަލީ ތަޖުރިބާ ވެސް ކުދިންނަށް ދީފައިވާ ކަމަށް ވިދާޅުވިއެވެ.
ފެނަކައިން ވިދާޅުވީ އެފަދަ ޕްރޮގްރާމްތަކަކީ ޒުވާނުން އިންޖިނިއަރިން ދާއިރާއަށް އަހުލުވެރިކުރުވުމަށާއި، މުސްތަގްބަލުގައި އެ ދާއިރާއިން ގާބިލު މަސައްކަތްތެރިން އުފެއްދުމަށް މަގުފަހިކޮށްދޭނެ ކަމެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު