ރާއްޖެއާއި ޗައިނާއާ ދެމެދު 11 ދާއިރާތަކުން އެއްބާރުލުންދިނުމާބެހޭ ފަހުމުނާމާތަކުގައި މިއަދު ސޮއިކޮށްފިއެވެ.
ޗައިނާގެ ބެއިޖިންގެ، ވަންގްފުޖިންގް ހިލްޓަން ހޮޓެލްގައި މިއަދު ބޭއްވެވި ރަސްމިއްޔާތެއްގައި މި ފަހުމުނާމާތަކުގައި ސޮއިކުރެއްވިއިރު، މި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި، ރާއްޖެއާއި ޗައިނާއާއި ދެމެދު އެކިދާއިރާތަކުން ގުޅުންބަދަހިކުރުމުގެ މަގްސަދުގައި މުހިންމު 11 ފަހުމުނާމާއެއްގައި ވަނީ ސޮއިކުރައްވާފައެވެ. އޭގެ ތެރޭގައި އިގްތިސާދީ ތަރައްގީ، އުމުރާނީތަރައްގީ އަދި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ދެގައުމުން އެއްބާރުލުން އިތުރުކުރުމާގުޅޭ ފަހުމުނާމާތައް ހިމެނެއެވެ.
ރައީސް އޮފީހުން ވިދާޅުވީ މި ފަހުމުނާމާތަކަކީ ކުރިއަށް އޮތް ތަނުގައި ދެގައުމުގެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެގެންދިޔުމާއެކު، ދެމެހެއްޓެނިވި ތަރައްގީއަށް އެޅިގެންދާ މުހިންމު ފިޔަވަޅަކަށް ވެގެންދާނެ ކަމަށެވެ.

ރައީސް ޗައިނާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ، ރައީސް ޝީ ޖިންޕިންގ ގެ ދައުވަތަކަށް، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް އެ ގައުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.


ކިޔުންތެރިންގެ ހިޔާލު