ހުޅުމާލެ ފޭސް ދޭއްގައި ދެ މިސްކިތެއް އެޅުމަަށް މިއަދު ބިން ހަވާލުކޮށްފިއެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީއާއި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި ދެމެދު މިކަމުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއާ ޖެނެރަލް (ރިޓަޔަރޑް) އަލީ ޒުހައިރުއެވެ. އަދި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.
ހުޅުމާލެ ލޮޓް ނަމްބަރު 22221 ގައި އަޅުމަށް ހަމަޖެހިފައިވާ މިސްކިތަކީ 2000-3000 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތުގެ ބިމުގެ ސައިޒަކީ 27920ސްކޮއާ ފޫޓެވެ.
މީގެއިތުރުން ހުޅުމާލެ ލޮޓް ނަމްބަރު 22242 ގައި އެޅުމަށް ހަމަޖެހިފައިވާ މިސްކިތަކީވެސް 2000-3000 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތުގެ ބިމުގެ ސައިޒަކީ 20720 ސްކޮއާ ފޫޓެވެ.
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން މާލެ ސަރަހައްދުގައި ގިނަ މިސްކިތްތަކެއްގެ މަސައްކަތް މިހާރު ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު