މިދިޔަ އޮގަސްޓު މަހުގައި އެންމެ ގިނައިން ރިޕޯޓްކުރެވުނީ ވައްކަމުގެ މައްސަލަ ކަމަށާއި ވައްކަމުގެ 294 މައްސަލަ ހުށަހަޅާފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ކޮންމެ މަހަކު ވެސް ފުލުހުން އާންމުކުރާ ތަފާސްހިސާބުތައް ދައްކާ ގޮތުން ނިމިދިޔަ މަހުގެ ތެރޭގައި ފުލުހުންނަށް ހުށަހަޅާފައި ވަނީ ޖުމްލަ 972 މައްސަލައެކެވެ. އޭގެ ތެރެއިން އެންމެ ގިނައިން ފުލުހުންނަށް ހުށަހަޅާފައި ވަނީ ވައްކަމުގެ މައްސަލަތަކެވެ.
މިދިޔަ މަހު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ:
- ވައްކަން ކުރުމުގެ 294 މައްސަލަ
- ޓްރެފިކް އެކްސިޑެންޓު 224 މައްސަލަ
- މުދަލަށް ގެއްލުން ދިނުމުގެ 44 މައްސަލަ
- މަކަރާއި ހީލަތް ހެދުން 21 މައްސަލަ
- ޖިންސީ ގޯނާގެ 19 މައްސަލަ
- އަނިޔާ ކުރުމުގެ 45 މައްސަލަ
- ގެވެށި އަނިޔާ 20 މައްސަލަ
- ފޭރުމުގެ 21 މައްސަލަ
- ފޯޖް ކުރުމުގެ 11 މައްސަލަ
- މަސްތުވާތަކެއްޗާ ގުޅޭ 185 މައްސަލަ
- އެއްޗެހި ގެއްލުމުގެ 88 މައްސަލަ ވަނީ ރިޕޯޓްކޮށްފައެވެ.
ވައްކަމާއި ފޭރުމުގެ ކުށްތައް ހުއްޓުވުމަށް ފުލުހުން މަސައްކަތް ކުރަމުންދާ މަންޒަރު ފެނިގެން ދެއެެވެ. އެގޮތުން މިދިޔަ ޖުލައި މަހު 300 ވައްކަމުގެ މައްސަލަ ރިޕޯޓްކޮށްފައިވާއިރު އޮގަސްޓު މަހު މި އަދަދު މިވަނީ ދަށްވެފައެވެ. އަދި އެކްސިޑެންޓުގެ އަދަދުވެސް މިދިޔަ މަހު 196 އިން 224 އަށް މިވަނީ އިތުރުވެފައެވެ.
ކޮންމެ މަހަކު ވެސް ފުލުހުން ތަފާސްހިސާބުތައް ނެރޭއިރު ގިނައީ ވައްކަމުގެ މައްސަލަތަކެވެ. ދެވަނައަށް އެންމެ ގިނައީ އެކްސިޑެންޓުގެ މައްސަލަތަކެވެ. އަދި މަސްތުވާތަކެތީގެ މައްސަލަތައް ވެސް ގިނައެވެ. ޖުލައި މަހާ އަޅާބަލާއިރު، މިދިޔަ މަހު މަސްތުވާތަކެތީގެ މައްސަލަތައް ގިނައެވެ.


ކިޔުންތެރިންގެ ހިޔާލު