މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލުމަށް ފަހު މީޑިއާތައް ރެގިއުލޭޓް ކުރަން ވަކި ކޮމިޝަނެއް އުފައްދައި، އެ ކޮމިޝަނަށް ބޮޑެތި ބާރުތަކެއް ލިބޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލާ ގުޅިގެން ކަމާއި ބެހޭ ފަރާތްތައް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހާޒިރުކުރުމަށް ނިންމައިފިއެވެ.
އެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސެއިން ވަނީ ބިލާ ގުޅޭގޮތުން އާންމުންގެ ހިޔާލަށް ހުޅުވާލުމަށް މިއަދުން ފެށިގެން 6 ސެޕްޓެމްބަރަށް އިއުލާންކުރުމަށް ހުޅުވާލުމަށް ހުށަހަޅުއްވާ ކަމަށެވެ. މެމްބަރު އިބްރާހިމް ހުސެއިންގެ ހުށަހެޅުއްވުމަށް ކެލާ ދާއިރާގެ މެމްބަރު އަބްދުﷲ ޝަރީފް ވަނީ ތާއިދުކުރައްވާފައެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު އަދި މާފުށި ދާއިރާގެ މެމްބަރު ހުސެއިން ރިޒާ އާދަމް ވިދާޅުވީ ކަމާއި ގުޅުން ހުރި ފަރާތްތަކާއެކު މަޝްވަރާ ކުރައްވާނެ ކަމަށާއި އަންނަ ހަފްތާގެ އާދިއްތަ ދުވަހުން ފެށިގެން އަންގާރަ ދުވަހާ ހަމައަށް މަޝްވަރާތައް ކުރިއަށްދާނެ ކަމަށެވެ. އެގޮތުން އިދާރާތަކާއި ނޫސްތަކާއި ކަމާއިބެހޭ ފަރާތްތަކާއި ބައްދަލުކުރައްވާ ހިޔާލުތައް ހޯއްދަވާނެ ކަމަށް ވިދާޅުވިއެވެ.
ކޮމިޓީގެ ބައެއް މެމްބަރުން ވިދާޅުވީ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަންގެ އިތުރުން ރަޖިސްޓްރީކޮށްފައިވާ ނޫސްތަކުގެ ޝަކުވާތަކާއި ހިޔާލުތައް ހޯއްދަވާނެ ކަމަށެވެ. އަދި މެމްބަރަކު ވަނީ ހިއުމަން ރައިޓްސް ކޮމިޝަނާއި ޔޫތް މިނިސްޓްރީގެ ހިޔާލު ހޯދުމަށް ވެސް ހުށަހަޅުއްވާފައެވެ. މި ހުށަހެޅުއްވުމަށް ކޮމިޓީގެ މެމްބަރުން ވަނީ ތާއީދު ކުރައްވާފައެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލުގެ ނަމުގައި މަޖިލީހަށް ބިލު ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރެވެ. މީގެ ކުރިން ވެސް މިފަދަ ބިލެއް ހުށަހެޅުއްވީ އަބްދުލްހަންނާނެވެ. ނަމަވެސް ބިލް ވަނީ އަނބުރާ ގެންދަވައިފައެވެ.
އިއްޔެ އޮތް ޖަލްސާގައި މި ބިލް ބަލައިގަތުމަށް 49 މެމްބަރުން ވޯޓް ދެއްވިއެވެ. އަދި 12 މެމްބަރުން ވޯޓު ދެއްވީ ބިލް ބޭރު ކުރުމަށެވެ.
އެ ބިލުގައިވާ ގޮތުން، މީޑިއާ ކޮމިޝަނުން އެކުލަވާލާ ސުލޫކީ މިންގަނޑާ ޚިލާފުވާ ނޫސްވެރިންނާއި މީޑިއާތައް ބޮޑު އަދަދަކުން ޖޫރިމަނާކޮށް، ރަޖިސްޓްރީ ވެސް ބާތިލްކުރެވޭނެ އުސޫލުތަކެއް ހިމެނެއެވެ. ވަކިވަކި ނޫސްވެރިން 5،000 ރުފިޔާއާއި 25،000 ރުފިޔާއާ ދެމެދު ޖޫރިމަނާ ކުރެވޭ އިރު، މީޑިއާތައް 100،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު