ދިވެހި ދައުލަތަށް 42 އަހަރަށް ވުރެ ދިގު މުއްދަތެއްގައި އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށްވާ އާދަމް އަބްދުއްރަހްމާނަށް ރައީސް ޑރ.މުހައްމަދު މުއިއްޒު، ނިޝާން ދިޔަމިގިލީގެ ޝަރަފުގެ އިއްޒަތް އަރުވައިފިއެވެ.
ހއ. އުތީމު އަލިމަސްގެ، އާދަމް އަބްދުއްރަޙްމާނަށް މި އިއްޒަތް އެރުވީ، މި އަހަރުގެ ގައުމީ ދުވަސް ފާހަގަކުރުމަށް ހއ. އުތީމުގައި މިއަދު ހެނދުނު ބޭއްވެވި ރަސްމީ ޖަލްސާގައެވެ.
އެއީ ތިލަދުންމައްޗާއި ހާއްސަކޮށް އުތީމުގެ ރައްޔިތުންގެ ކުރިއެރުމަށާއި ތިލަދުންމަތީ އުތުރުބުރީގެ ތަރައްގީއަށްޓަކައި އެކި ރޮނގުން ތަފާތު ހިދުމަތްތައް ކޮށްދެއްވި ބޭފުޅަކަށްވާތީއެވެ. އަދި ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ތައުލީމީ ދާއިރާއިން ރައްޔިތުންނާއި ދައުލަތަށް ކޮށްދެއްވާފައިވާ އިހްލާސްތެރި ހިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުންނެވެ.
އާދަމް އަބްދުއްރަހްމާން (އުތީމު އާދަމްބެ) އަކީ ދައުލަތަށް 42 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ހިދުމަތް ފެއްޓެވީ އޮގަސްޓް، 26 1965 ގައި އުތީމުގައި ކަތީބުކަމުގެ މަގާމުންނެވެ. އެ މަގާމުގައި 15 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވުމަށްފަހު ދެން އަދާކުރެއްވީ އަތޮޅުވެރިޔާގެ އެހީތެރިޔާގެ މަގާމެވެ.
އޭނާ ވަނީ އަތޮޅުވެރިކަން ތިން ފަހަރެއްގެ މަތިން ކުރައްވައިފައެވެ. އެކި ކަންކަންކަމުގައި ރައްޔިތުންގެ މަސްލަހަތު އިސްކުރެއްވުމަށް މަސައްކަތް ކުރައްވާފައިވާއިރު އަބްދުއްރަހްމާން އަކީ ރައްޔިތުންނާ ގާތްގުޅުމެއް ބޭއްވި ބޭފުޅެކެވެ.
“1970 ގެ އަހަރުތަކުގެ ތެރޭގައި އައި ކާޑުގެ ދަތިކަން، އެއީ ވަރަށް ހިތްދަތިކޮށް އައި ކަމެއް. އެކަން ހައްލުކުރަން އަޅުގަނޑު ކުރި ކަމަކީ ރައްޔިތުންގެ ތެރޭގައި ތިބި އިސް މީހުންނާ ވާހަކަ ދައްކާފައި ރައްޔިތުން ނެރެގެން މަސައްކަތް ކުރުވީ. މަސައްކަތްކޮށްގެން ލާރި ހޯދާފައި ރަށަށް ކާޑު ގެނައި. ކާޑު ގެނެސްގެން ބަހާލީ. އެ ދަތިކަމުން ސަލަމާތްވި އެއްވެސް ދަތިކަމެއް ނެތި” އާދަމް އަބްދުއްރަހްމާން ވިދާޅުވިއެވެ.
ކުރިން މާލެއިން ނޫނީ ނުލިބޭ އިދާރީ ބައެއް ޚިދުމަތްތައް އަތޮޅުންނާއި ރަށްރަށުން ލިބޭނެ މަގުފަހިކުރެއްވުމަށް އާދަމް އަބްދުއްރަޙްމާން ކުރެއްވި މަސައްކަތްތަކުގެ ސަބަބުން، ބައެއް މަސައްކަތްތައް އަތޮޅުންނާއި ރަށުން ލިބޭނެގޮތް ހަމަޖެހި، ރައްޔިތުންނާ ގާތުން ޚިދުމަތް ލިބޭނެ މަގު ފަހިވެގެންދިޔައެވެ.
އަބްދުއްރަހްމާން އޭގެފަހުން މަސައްކަތް ކުރެއްވީ ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގެ މުދީރުގެ މަގާމުގައެވެ. އެގޮތުން ތިން އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވިއެވެ. އޭނާ އަކީ މޮޅު އަދީބެކެވެ. ވާހަކަފޮތް ވެސް ލިޔުއްވިއެވެ. މީގެއިތުރުން މަޖައްލާތަކަށް ލިޔުއްވިއެވެ. އަދި ބައެއް އޮންލައިން ނޫސްތަކަށް މިހާރު ވެސް ލިޔުއްވައެވެ. އޭނާއަކީ ޅެންވެރިކަމަށް ވެސް އިންތިހާއަށް މޮޅު ބޭފުޅެކެވެ.
އާދަމް އަބްދުއްރަޙްމާނަކީ، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިންވެސް ވަރަށް ޚާއްސަ ގޮތެއްގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ރާއްޖޭގައި މިހާރު ތިއްބެވި ބަހާއި އަދަބުގެ ފަންނީ ބޭފުޅުންގެ ތެރެއިން އެންމެކުރީ ސަފުގައި ހިމެނިވަޑައިގަންނަވާ އެއް ބޭފުޅެކެވެ.
ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ދާއިރާއިން، ޅެންހެދުމުގެ ރޮނގުން 2004 ވަނަ އަހަރު އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު އާދަމް އަބްދުއްރަޙްމާނަށް ވަނީ ލިބިވަޑައިގެންފައެވެ. އަދި އޭގެ 12 އަހަރު ފަހުން، 2016 ވަނަ އަހަރު ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ވަނީ ލިބިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު