އެސްޓީއޯއާއި މަކިޓާގެ 25 އަހަރުގެ ޕާޓްނަޝިޕް ފާހަގަ ކުރުމަށް ހާއްސަ ހަފްލާއެއް ބާއްވައިފިއެވެ.
ކުރުނބާ މޯލްޑިވްސް ރިސޯޓުގައި ބޭއްވި އެ އިވެންޓް ޝަރަފްވެރި ކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯއެވެ. މީގެ އިތުރުން އެސްޓީއޯގެ އެމްޑީ އަދި ސީއީއޯ، ޝިމާދު އިބްރާހިމް އަދި މަކިޓާގެ ފަރާތުން މަކިޓާގެ ޑިރެކްޓަރު، ކޯޕަރޭޓް އޮފިސަރު، ބައިނަލްއަގުވާމީ ސޭލްސް ހެޑްކުއާޓަރު، އޮމޮޓޭ ޓަކާޝީ ވެސް ވަނީ ހަފްލާގައި ބައިވެރިވެ ވަޑައިގަންނަވާފައެވެ.

މި ހަފްލާގައި މަކިޓާގެ އައު ޓޫލްސްތައް ތައާރަފްކޮށް، ހާއްސަ އެކްސްޕީރިއަންސް ޒޯނެއްގައި ބައެއް ޓޫލްތައް ބޭނުން ކުރެވޭ ގޮތް ހަފްލާގެ ބައިވެރިންނަށް ވަނީ ދައްކާލާފައެވެ. މީގެ އިތުރުން އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލޮއުޝަންސްގެ ޑިރެކްޓަރު މުހައްމަދު އީމާން ވަނީ އެސްޓީއޯއާއި މަކިޓާގެ 25 އަހަރުވީ ގާތް ގުޅުމަށް އަލިއަޅުވާލާ، ކަސްޓަމަރުންނަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ.

ހަމަ އެއާއެކު، އެސްޓީއޯ މަކިޓާއިން އެންމެ ގިނައިން ވިޔަފާރި ކުރި ކަސްޓަމަރުންނަށާއި އެސްޓީއޯ މަކިޓާއާއި ގާތް ގުޅުމެއް ބާއްވަމުން ގެންދާ ކަސްޓަމަރުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ހަނދާނީ ފިލައެއް މި ހަފްލާގައި ވަނީ އަރުވާފައިވެއެވެ. އޭގެ ތެރޭގައި އެމްއޭސީއެލް، އެޗްޑީސީ، ސްޓެލްކޯ، އެމްޕީއެލް، އެމްޓީސީސީ، އެމްއެންޑީއެފް، ޔުނިވަސަލް ހޯކްސް ޕްރައިވެޓް ލިމިޓެޑް، އަލިއާ ކޮންސްޓްރަކްޝަންސް ޕްރައިވެޓް ލިމިޓެޑް، އެސްޖޭ ކޮންސްޓްރަކްޝަންސް ޕްރައިވެޓް ލިމިޓެޑް ފަދަ ފަރާތްތަށް ހިމެނެއެވެ.
މި ހަފްލާ ނިންމާލުމުގެ ގޮތުން، މަކިޓާގެ ޑިރެކްޓަރު، ކޯޕަރޭޓް އޮފިސަރު، ބައިނަލްއަގުވާމީ ސޭލްސް ހެޑްކުއާޓަރު، އޮމޮޓޭ ޓަކާޝީ އަދި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯ ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެބޭފުޅުން ވަނީ މަކިޓާއާއި އެސްޓީއޯއާއި ދެމެދު އޮތް ގުޅުން ފާހަގަކޮށް އޭގެ ސަބަބުން ރާއްޖޭގެ އިމާރާތް ކުރުމުގެ ސިނާއަތަށް އަންނަމުންދާ ހެޔޮ ބަދަލުތައް ފާހަގަކޮށް އެކަމަށް މަރުހަބާ ވިދާޅުވެފައެވެ.
މަކިޓާއާއި އެސްޓީއޯގެ ޕާޓްނަޝިޕްގެ ސަބަބުން ޖަޕާނާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުމަށް ކޮށްފައިވާ ހެޔޮ ބަދަލު ތައް ސަފީރު ފާހަގަ ކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު