Advertisement

އަތޮޅު ކައުންސިލް އުވާލައި ކައުންސިލަރުން މަދުކުރަން އަންނަ ދައުރުގައި ގާނޫނުއަސާސީ ބަދަލުކުރަނީ

އަންނަ އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގެ ކުރިން އަތޮޅު ކައުންސިލްތައް އުވާލައި ކައުންސިލަރުން މަދު ކުރުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅުއްވާނެ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

އއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު މަތިވެރި ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ އަތޮޅު ކައުންސިލަކީ އެއްވެސް ބޭނުމެއް އޮތް އެއްޗެއް ނޫން ކަމަށާއި ކޮންމެ ރަށެއްގެ ރަށު ކައުންސިލް މިކަމަށް ހެކިވާނެ ކަމަށެވެ. އެގޮތުން އަތޮޅު ކައުންސިލްތައް އުވާލުމަށް ގާނޫނު އަސާސީ އިސްލާހުކުރާނެ ކަމަށާއި މަޖިލީހުގެ ޖަލްސާތައް ދެން ފެށުމުން އެކަމާ ގުޅޭ ބިލު ހުށަހަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.

Advertisement

“އަތޮޅު ކައުންސިލަކީ އެއްވެސް ބޭނުމެއް އޮތް އެއްޗެއް ނޫން. ކޮންމެ ރަށެއްގެ ރަށު ކައުންސިލް މިކަމަށް ހެކިވާނެ. ގާނޫނު އަސާސީ އަޅުގަނޑުމެން އިސްލާހު ކުރާނަން. ގާނޫނު އަސާސީ އިސްލާހުނުކޮށް މިކަމެއް ނެތްވާކަށް. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުން ވޯޓްލާންދާއިރު އަތޮޅު ކައުންސިލް ހޮވާކަށް ވޯޓްލާކަށް ނުޖެހޭނެ. އެ ފަށަލަ ދުއްވާލީމަ އިތުރަށް ރައްޔިތުން ބާރުވެރިވާނީ” ރައީސް ވިދާޅުވިއެވެ.

“ކޮންމެ ރަށެއްގެ ރަށު ކައުންސިލް ދެން މަސައްކަތް ކުރާނީ ކަމާ ބެހޭ ވުޒާރާތަކާއި ކުންފުނިތަކާ ޑައިރެކްޓްލީ. އަތޮޅު ކައުންސިލެއް ބޭނުމެއް ނުވާނެ،” ރައީސް ވިދާޅުވިއެވެ.

އަތޮޅު ކައުންސިލްތައް އުވާލުމުގެ އިތުރަށް ކައުންސިލްތަކުގެ ސައިޒު ކުޑަކުރުމާ ގުޅޭ ބިލުވެސް މަޖިލީހުގެ ކުރިއަށް އޮތް ދައުރަށް ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ގާނޫނުއަސާސީ އިސްލާހުކުރާނީ 2،000 މީހުންނަށް ވުރެ މަދުން އުޅޭ އާބާދީތަކުގައި ތިން ކައުންސިލަރުން ތިބޭގޮތަށް އަދި 2،000 މީހުންނަށް ވުރެ ގިނަ މީހުންގެ އާބާދީތަކުގައި ފަސް މީހުންގެ ކައުންސިލަރުން ތިބޭ ގޮތަށް ކަމަށާއި ބައެއް ސިޓީތަކަށް ވެސް ކުދިކުދި ބަދަލުތައް ވެސް އަތުވެދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ ކައުންސިލްތަކުން ރައްޔިތުންނަށް ކޮށްދޭން ބޭނުންވާ ކަންކަމަށް މި ސަރުކާރުން ހުރަހެއް ނާޅާނެ ކަމަށާއި ސަރުކާރުން ބޭނުންވާ ކަމަކީ ޒިންމާދާރު ކުރުވާ ނިޒާމެއް ގާއިމްކޮށް، ޗެކް އެންޑް ބެލެންސް ވަރުގަދަ ކުރަން ކަމަށެވެ. ކައުންސިލަކުން ރައްޔިތުންނަށް ކަންކަން ކޮށްދޭން ބޭނުންވާ ބާރު މިނުގައި ކައުންސިލްގެ އަތުގައި ހިފައިގެން މި ސަރުކާރުން ކުރިއަށް ދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

“ހަމައެކަނި ޔަގީން ކުރަން ބޭނުންވަނީ ކުރިން މި ދެންނެވިހެން ޗެކް އެންޑް ބެލެންސް، ދެފުށް ފެންނަ ކަން، އެކައުންޓަބިލިޓީ، ކައުންސިލްތަކުން ކުރާ ކަންކަމަށް ޒިންމާދާރު ކުރުވުމާއި މި ކަންކަން. އެ ކަންކަން ކުރުމަށްޓަކައި ގެންނަންޖެހޭ އިސްލާހުތަކެއް ގެންނަނީ،” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ވެސް ބަދަލު އަންނާނެ ކަމަށެވެ. އެގޮތުން 2،000 މީހުންނަށް ވުރެ މަދުން އުޅޭ އާބާދީތަކުގައި ތިން މެމްބަރުން އަދި 2،000 މީހުންނަށް ވުރެ ގިނަ މީހުންގެ އާބާދީތަކުގައި ފަސް މެމްބަރުން ތިބޭ ގޮތަށް ބަދަލު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސާގެ މަގާމަށް މުޅި ރަށުގެ ރައްޔިތުން ވޯޓުލައިގެން މީހަކު އިންތިހާބު ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެއީ ފުލްޓައިމް ވަޒީފާއަކަށް ހަދަން ގާނޫނު އިސްލާހު ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ނަމަވެސް ކައުންސިލްތަކުގައި އަންހެނުން އިންތިހާބު ކުރަން ލާޒިމްކޮށްފައި އޮންނަ އަދަދަށް އެއްވެސް ބަދަލެއް ނާންނާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް