މަރުކަޒީ ނިޒާމުގެ ހިންގުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނަ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލު ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް މިއަދު ދިފާއުކުރައްވައިފިއެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި 16 ވަނަ އިސްލާހާ ގުޅިގެން ގާސިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި އިސްލާހަކީ ވަރަށް މުހިންމު އިސްލާހެއް ކަމަށާއި ރާއްޖޭގެ ހާލަތަށް ވަރަށް ބޭނުން ޖެހިފައިވާ ގާނޫނެއް ކަމަށެވެ. އަދި ރާއްޖެއަކީ ޔުނިޓަރީ ދައުލަތެއް ކަމަށާއި ގާނޫނުގައިވެސް އޮންނަންވާނީ ޔުނިޓަރީ ދައުލަތަކުން ކަމެއް ފުޅާކުރެވޭ މިންވަރަކަށް އެ ހުދޫދުގެ ތެރެއިން ޔުނިޓަރީ ދައުލަތެއްގެ ވެރިކަން ހިންގުމުގެ ބާރުތަކާއި ފްރޭމްވޯކާއި ފުށުއަރާ ގޮތަށް މިފަދަ އެއްވެސް ގާނޫނެއް ހެދިފައި އޮވެގެން ނުވާނެ ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.
“އަޅުގަނޑު ދެކޭ ގޮތުގައި ލާމަރުކަޒީ ގާނޫނަށް މި ގެނެވުނު އިސްލާހުތަކަކީ ވަރަށް މުހިންމު އިސްލާހުތަކެއް. މިއަދުގެ ހާލަތާ ގުޅިގެން ވަރަށް ބޮޑަށް ބޭނުންޖެހިފައިވާ އިސްލާހެއް ކަމުގައި ދަންނަވާލަން ބޭނުން.” ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވި ގޮތުގައި ގާނޫނެއް ވުޖޫދެއް ގެނެސް، މި ގާނޫނާއެކު ފެޑެރަލް ވިސްނުން ބައެއް ފަރާތްތަކުން ގެންގުޅެއެވެ. އެގޮތުން ސަރުކާރާ އިދިކޮޅު ފަރާތްތަކުން އެފަދަ ފެޑެރަލް ވިސްނުންތައް ޕްރޮމޯޓް ކުރަމުންދާކަން ގާސިމް ވަނީ ފާހަގަކުރައްވައިފައެވެ.
މި އިސްލާހުތަކަކީ ލާމަރުކަޒީ ނިޒާމު އިސްލާހުކޮށް ޗެމްޕިއަން ކުރުމަށް ގެންނަން ޖެހޭ އިސްލާހުތަކެއް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
“ކުރިޔަށް އޮންނަ އިންތިހާބަކާ ދިމާކޮށް ސިޔާސީ ބޭނުމަށް ރަށްރަށުގެ ބިންތައް ދޫކޮށް ގިނަ އަދަދެއްގެ މުވައްޒަފުން ނަގާނެ ފުރުސަތު އޮވެގެން ނުވާނެ. އެއީ ނާޖާއިޒް ފައިދާވެސް މެ، އަންނަ ދައުރަށް ހޮވުމުގެ ބޭނުމުގައި ސަރުކާރުގެ މާލިއްޔަތު ތަންނުދޭ މިންވަރަށް އިތުރު މަގާމުތައް އުފެއްދުމުގެ ބާރު ގާނޫނަކުން ކައުންސިލަރުންނަށް ލިބިދީފައި އޮވެގެން ނުވާނެ.” ގާސިމް ވިދާޅުވިއެވެ.
ކައުންސިލްތަކުން ދައުރު ނިމެން އެހާ ކައިރިވެފައިވަނިކޮށް އިންތިހާބާ ދިމާކޮށް ސިޔާސީ ބޭނުމަށް ކުއްލިއަކަށް ކަންކަން ފެށުމުގެ އިހްތިޔާރު ކައުންސިލްތަކަށް ދިނުމުގެ ސަބަބުން އޭގެ ސަބަބުން ގައުމަށް ގެއްލުން ލިބެމުންދާކަންވެސް ގާސިމް ވަނީ ފާހަގަ ކުރައްވައިފައެވެ.
ގާސިމް ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ތެރޭގައި ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރީގެ މަސައްކަތަށް 3 ޝަރުތެއް ކަނދައަޅުއްވާ ރައްޔިތުން ކުރާ ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ތެރެޔަށް ކައުންސިލްތަކުން ވަނުން ހުއްޓުވާ އިސްލާހަކީ އެކަމުގެ ފައިދާ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ކުރާނެ ކަމެއް ކަމަށެވެ.
އަދި ހަމައެއާއެކު މި ގެނެވުނު އިސްލާހަކީ އާންމު ރައްޔިތުންނަށް އޭގެ މަންފާ ލިބޭނެ ވަރަށް ބޭނުންތެރި އިސްލާހެއް ކަމަށާއި ރައީސް މުއިއްޒު ވިދާޅުވާ ފަދައިން ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ޗެމްޕިއަން ކުރުމަކީ ގެންނަން ޖެހޭ އިސްލާހެއް ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.
ލާމަރުކަޒީ ނިޒާމަށް ސަރުކާރުން ގެނައި އިސްލާހާއި ގުޅޭގޮތުން މީގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެ ބަދަލު ސަރުކާރުގެ ފަރާތުން ގެނެސްދެއްވީ ރަށްރަށުގައި އާންމު ރައްޔިތުން ރަށްރަށުގައި ކުރާ ކުދި، މެދުފަންތީގެ ވިޔަފާރިތައް ހިމާޔަތްކޮށްދިނުމަށްޓަކައި ކަމަށެވެ. އަދި ރައްޔިތުން މި ބާރުވެރިކުރުވުމަށް ކަމަށް ވިދާޅުވިއެވެ.
އަދި ގެނައި އިސްލާހުގެ ދަށުން ރައްޔިތުންނަށް މިހާ މުހިންމު އާންމު ހިދުމަތްތައްދޭ ބިންތަކުން ކުއްޔެއް ނުނެގޭނެ ކަމަށާއި ކުލި ނެގީމާ ރައްޔިތުންނަށް ދޭ ހިދުމަތް އަގުބޮޑުވެގެންދާ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން ރައްޔިތުން ބާރުވެރިކުރުވަން، ރައްޔިތުންނަށް ހެޔޮގޮތް ހޯދައިދިނުމަށް، އާންމު ހިދުމަތްތައް ދޭ ބިންތަކުންނެއް ކުއްޔެއް ދެން ނުނެގޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ތިންވަނަ އިސްލާހަކީ ކައުންސިލުން ކުރާ ވިޔަފާރިތަކުން ލިބޭ އާމްދަނީއިން ޓެކްސްދައްކަން ޖެހުން ކަމަށާއި އެ އިސްލާހު ގެނައީ ޓެކްސްއިން ލިބޭ ފައިސާއިން ސަރުކާރުން ރައްޔިތުންނަށް ކަންކަން ކޮށްދޭންވެގެން ކަމަށް ރައީސް ވިދާޅުވެފައިވެއެވެ. އެހެންކަމުން، ޓެކްސް ދައްކަން މަޖުބޫރުވާގޮތަށް، އާމްދަނީން ޓެކްސް ދައްކަން މަޖުބޫރުވާގޮތަށް އިސްލާހުކޮށްފައިވާކަމަށެވެ. އެއީވެސް ރައްޔިތުންނަށް އެ ޓެކްސް ނަގައިގެން، ކަންކަން ކޮށްދިނުމަށްޓަކައި ކަމަށް ވިދާޅުވިއެވެ.
ކައުންސިލްތަކުގެ އެކައުންޓްތަކުގައި ހުންނަ ފައިސާގެ ތަފްސީލު، އެ ހޯދާ އާމްދަނީ އާންމުކުރުން ވެސް ބިލްގައި ހިމެނެއެވެ. ރައީސް ވިދާޅުވެފައިވަނީ ރައްޔިތުން ހޮވާފައި ތިބޭ ކައުންސިލަރުން، ރައްޔިތުންގެ ކައުންސިލްތައް ހިންގާއިރު، އެ ހޯދާ އާމްދަނީ، އެ ފައިސާ ޖަމާކޮށްފައި، އެ އެކައުންޓަށް ޖަމާކުރާ ފައިސާގެ މައުލޫމާތު، ލޯކަލް ގަވާންމަންޓް އޮތޯރިޓީއަށް ހިއްސާކުރަންޖެހޭނެ ކަމަށެވެ.
ބިލްގައި ކައުންސިލްތަކުން އިންތިހާބާ ކައިރިކޮށްފައި ބޮޑެތި ނިންމުން ނުނިންމޭނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ. ރައީސް ވިދާޅުވީ ޒިންމާދާރުކަން ކުޑަކޮށް، ދެފުށް ނުފެންނަގޮތަށް، ސިޔާސީ މަގްސަދު ހާސިލުކުރުމަށްޓަކައި، ސިޔާސީ މަގްސަދު ހާސިލުކުރުމަށްޓަކައި، ރަށްރަށުގައި ހުންނަ ބިންތައް ބަރިބަރިއަށް އިންތިހާބުތަކާއި ގާތްކޮށް ކުއްޔަށްދޭ ކަމަށެވެ. އެތައް ބަޔަކު ކޮންޓްރެކްޓަށް ވަޒީފާއަށް ނަގާ ކަމަށެވެ. އެކަން ކުރަނީރައްޔިތުންނަށް ފައިދާވާ ގޮތަކަށްނޫން ކަމަށް ވިދާޅުވިއެވެ. ބައެއް ކައުންސިލްތަކުން އެކަން ކުރަނީ ސިޔާސީ ބޭނުމުގައި ކަމަށް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު