ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން ސެންޓާ (ޖައިސް)ގެ ފަރާތުން މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވުޒާރާއަށް ޒިޔާރަތްކުރައްވައި، ޖަޕާން ޑިވެލޮޕްމަންޓް ސްކޮލާޝިޕް (ޖޭޑީއެސް)އާއި ގުޅޭ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފައެވެ.
އެ ބައްދަލުވުމުގައި، ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން ސެންޓާގެ ފަރާތުން ހެޑް ކުއާޓާސްގެ ޕްރޮޖެކްޓް ލީޑާ، ސައިޓޯ ޗިހިރޯ އަދި ޖޭޑީއެސް މޯލްޑިވްސް ކަންޓްރީ އޮފިސާ، ކަސަމަޓްސު މާކީ ވަނީ ބައިވެރިވެވަޑައިގަންނަވައިފައެވެ. އަދި މަތީ ތައުލީމާ ބެހޭ ވުޒާރާގެ ފަރާތުން ސްޓޭޓް މިނިސްޓަރު ޑރ. އަބްދުއްރަޙީމް ހަސަންގެ އިތުރުން އެ ވުޒާރާގެ ސްކޮލާޝިޕް ސެކްޝަންގެ ޑައިރެކްޓާ، އަހުމަދު ރިޒާ ވަނީ ބައިވެރިވެވަޑައިގަންނަވައިފައެވެ.
މަތީ ތައުލީމާ ބެހޭ ވުޒާރާއިން ވިދާޅުވީ އެ ބައްދަލުވުމުގައި، ޖަޕާނުގެ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ދޫކުރާ ޖޭޑީއެސް ސްކޮލާޝިޕްގެ ފުރުސަތުތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައި ކަމަށެވެ. އަދި އެ ސްކޮލާޝިޕްގެ ދަށުން، 2020 ވަނަ އަހަރުން ފެށިގެން 22 ދިވެހި ދަރިވަރުންނަށް ވަނީ ޖަޕާނުގެ އެކި ޔުނިވާސިޓީތަކުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ލިބިފައި ކަމަށެވެ.
އެގޮތުން، ކުރިއަށް އޮތް އަހަރުތަކުގައި ވެސް މިފަދަ މަތީ ތަައުލީމާއި ތަމްރީނުގެ ފުރުސަތުތަށް ރާއްޖެއަށް ފަހިކޮށްދިނުމާމެދު މަޝްވަރާކުރި ކަމަށް ވިދާޅުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު