މަތީ ތަޢުލީމު ފުރިހަމަކުރުމަށް ޒަކާތު ފަންޑުން އިތުރަށް ޖަމާކުރެވުނު 33،694 ރުފިޔާ އަނބުރާ ދެއްކުމަށް ސިވިލް ކޯޓުން އިއިއްޔެ ޙުކުމް ކުރައްވައިފިއެވެ.
ގއ. ވިލިނގިލި، ޝާދީވިލާ، ފާޠިމަތު މަޢީޝަތު މުޙައްމަދަށް ޖަމާކުރެވުނު އިތުރު ފައިސާ އަނބުރާ ދެއްކުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ނުވަ ފަހަރެއްގެ މަތިން އެންގުމުންގުމުންވެސް އެ ފައިސާ ދައްކާފައިނުވާކަން ޙުކުމުގައި ފާހަގަކުރައްވާފައިވެއެވެ.
ޒަކާތު ފަންޑުން މަޢީޝަތަށް މި ފައިސާ ދޫކުރެވިފައިވަނީ 2020 އޮކްޓޫބަރު 14 ގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިޢުލާންކުރި ޚާއްޞަ ފުރުޞަތެއްގެ ދަށުންނެވެ. މި ފުރުޞަތަކީ ކޮވިޑް-19 ގެ ސަބަބުން ކިޔެވުން މެދުކެނޑިފައިވާ ދަރިވަރުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް “މަތީ ތަޢުލީމު ފުރިހަމަކުރުމަށް ޒަކާތު ފަންޑުން ޚާއްޞަ އެހީއަށް އެދި ހުށަހެޅުމުގެ ފުރުޞަތު” ގެ ނަމުގައި ހުޅުވާލެވުނު ފުރުޞަތެކެވެ.
މި މައްސަލައާ ގުޅިގެން ޝަރީޢަތަށް ޙާޟިރުވުމަށް އެންގުމުންވެސް މަޢީޝަތު ކޯޓަށް ޙާޟިރުވެފައިނުވާތީ، މި މައްސަލައިގެ ޙުކުމް އިއްވާފައިވަނީ އޭނާގެ ޣައިރު ޙާޟިރުގައެވެ.
ޤާޟީ ރިޒްމީނާ އިދްރީސް އިއްވެވި ޙުކުމުގައި، ޒަކާތު ފަންޑުން މަޢީޝަތަށް އިތުރަށް ޖަމާކުރެވުނު 33،694 ރުފިޔާއަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް އަނބުރާ ދައްކަންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅުއްވައި، މި ފައިސާ އިއްޔެއިން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކައި ޚަލާޞްކުރުމަށް މަޢީޝަތަށް އަމުރުކުރައްވާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު