ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ވިދާޅުވެފައިވަނީ، ޒަކާތާ ބެހޭ ބިލު އެކުލަވާލާފައިވަނީ ދައުލަތަށް އިތުރު މާލީ ޒިންމާތަކެއް އުފުލަންޖެހޭ ގޮތަށްކަމަށެވެ.
މަޖިލީހުގެ ޖަލްސާގައި ޒަކާތާ ބެހޭ ބިލާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ޑރ. ޝަމްހީދު ފާހަގަކުރެއްވީ ޒަކާތަކީ ދިވެހި ރައްޔިތުން އިސްކަންދޭންޖެހޭ މުހިންމު އަޅުކަމެއްކަމަށެވެ. އަދި މިހާރުވެސް ދިވެހިރާއްޖޭގައި ޒަކާތް ނެގުމާއި ބެހުމުގެ މަސައްކަތްތައް ކުރެވެމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޑރ. ޝަމްހީދު ވިދާޅުވީ، މި ބިލު ފަރުމާކޮށްފައިވަނީ އިސްލާމިކް މިނިސްޓްރީއަށް ޚާއްޞަ ބާރުތަކެއް ދީ، ގިނަ އަދަދެއްގެ އިދާރާތަކެއް އުފެއްދުމަށް މަގުފަހިކުރާ ގޮތަށްކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، މިހާރު ރާއްޖޭގައި ޒަކާތް ނެގުމުގެ މަސައްކަތްތައް ކުރަމުންދަނީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިންނެވެ. ނަމަވެސް މި ބިލުގެ ދަށުން އިސްލާމިކް މިނިސްޓްރީގައި އިތުރު މުއައްސަސާއެއް އުފެއްދުމަށް ލާޒިމުކުރެއެވެ.
އިތުރަށް ވިދާޅުވީ، މޯލްޑިވްސް ޒަކާތު ހައުސްގެ އިތުރުން ޒަކާތާ ބެހޭ އެޑްވައިޒަރީ ކޮމިޓީއެއް އުފެއްދުމަށްވެސް ބިލުގައި ހިމަނާފައިވާ ކަމަށެވެ. މިއީ މިހާރު ހުރި ވަސީލަތްތައް އަލުން އުފެއްދުމާ އެއްފަދަ ކަމެއްކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވައެވެ. އަދި މިހާރުވެސް ރާއްޖޭގައި ޝަރީޢާ އެޑްވައިޒަރީ ކޮމިޓީއެއް އޮތްކަމަށާއި، އެއީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްކަން ފާހަގަކުރެއްވިއެވެ.
ޑރ. ޝަމްހީދުގެ ނަޒަރުގައި، މި ބިލުން ފެންނަނީ މިހާރު ހުރި ވަސީލަތްތައް ތަކުރާރުކޮށް އުފައްދައި، އޭގެ ސަބަބުން ދައުލަތަށް އިތުރު މާލީ ބުރައެއް އުފުލަންޖެހޭ މަންޒަރެވެ. މިސާލެއްގެ ގޮތުން، ސަޢޫދީ ޢަރަބިއްޔާގައި ޒަކާތާއި ޓެކްސް ނެގުމުގެ މަސައްކަތްތައް ކުރަނީ ޓެކްސް އޮތޯރިޓީންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު