Advertisement

ބޮޑު ޗުއްޓީ ޑިސެމްބަރަށް

އަންނަ ދިރާސީ އާ އަހަރުގެ ބޮޑު ޗުއްޓީ ޑިސެމްބަރު މަހު ލިބޭ ގޮތަށް ހަދައި، ބަދަލުތަކާއެކު އެކަޑަމިކް ކަލަންޑަރު ނެރެފިއެވެ.

ކުރީގެ ސަރުކާރުން ބޮޑު ޗުއްޓީ ޖޫން/ޖުލައި އަށް 2021 ގައި ބަދަލުކުރި ނަމަވެސް އެ ދުވަސްވަރު ދިމާވަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ދުވަސްވަރާ ކަމަށްވާތީ އޭގެ ސަބަބުން ދަތުރުފަތުރު ކުރުމަށް ދަތިވެ، ބެލެނިވެރިންނާއި ދަރިވަރުންނަށް ޗުއްޓީ ހޭދަކުރަން ދަތިވާ ކަމަށް އޭރު ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ.

Advertisement

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސް އަރިހުން ގިނަ ބަޔަކު އެދުނު އެއް ކަމަކީ ވެސް ދިރާސީ އާ އަހަރު ފަށާ ދުވަސްވަރު ކުރިން އޮތް ގޮތަށް ބަދަލުކޮށް ދިނުމަށެވެ. އެހެންވެ، ބޮޑު ޗުއްޓީ އަލުން ޑިސެމްބަރު މަހަށް ބަދަލު ކުރުމަކީ އެމަނިކުފާނުގެ ވައުދެކެވެ.

އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ޓެންޓެޓިވް (ވަގުތީ) އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުން 2026 ވަނަ އަހަރުގެ ކިޔެވުން ފެށޭނީ އަންނަ ޖެނުއަރީ 27ގަ އެވެ. އެ ޓާމުގެ މިޑް ބްރޭކް އޮތީ މެއި މަހުގެ 24 އިން 30 އަށެވެ. އަދި ފުރަތަމަ ޓާމު ނިމި ޗުއްޓީ ލިބޭނީ ޖުލައި 17 އިން އޮގަސްޓް 1 އަށެވެ.

ދެވަނަ ޓާމުގެ ކިޔެވުން ފެށޭނީ އޮގަސްޓް 2 ގަ އެވެ. ދެވަނަ ޓާމުގެ މިޑް ބްރޭކް ލިބޭނީ ސެޕްޓެމްބަރު 13 އިން 19 އަށެވެ. ބޮޑު ޗުއްޓީ ލިބެނީ ޑިސެމްބަރު 18 އިން ޖެނުއަރީ 12 އަށެވެ.

ރާއްޖޭގައި ޒަމާނުއްސުރެ ދިރާސީ އާ އަހަރު ފަށަމުން އައީ ކޮންމެ އަހަރެއްގެ ވެސް ޖެނުއަރީ މަހު އެވެ. އެކަމަކު، ކޮވިޑުގެ ބަލިމަޑުކަމުގައި އައި ހުއްޓުމާއި ޓޫރިޒަމް އިންޑަސްޓްރީގެ ގިނަ ބައެއްގެ އެދުމުގެ މަތިން އޭރުގެ ސަރުކާރުން ދިރާސީ އަހަރު ފެށުން އޮގަސްޓު މަހަށް ބަދަލުކުރީ ކިޔެވުން އެއް އަހަރުން، ދޮޅު އަހަރަށް ދެންމުމަށް ފަހުގަ އެވެ.

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު “މިހާރު” އަށް ވިދާޅުވީ އަލުން ޑިސެމްބަރަށް ޗުއްޓީ ބަދަލުކޮށް ކަލަންޑަރު ހެދުމަށް މޯލްޑިވްސް ޓްރޭޑް ޔޫނިއަން (އެމްޓީޔޫސީ) ރައީސް އަދި ޓޫރިޒަމް އެމްޕޮލޮއީސް އެސޯސިއޭޝަން (ޓީމް)ގެ ސެކެޓްރީ ޖެނަރަލްކަން ވެސް ކުރައްވާ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފު ޒާކިރު (މާއްޓެ)ގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނު ކަމަށެވެ.

“މިފަހަރު ކަލަންޑަރު ހެދުމުގައި މައުރޫފް (މާއްޓޭ)ގެ ވަރަށް ބޮޑު އެހީއެއް ލިބުނު. އެ ދާއިރާ މީހުންގެ ހިޔާލު ލިބުނު. އަހަރުގެ މެދަށް ދެ ހަފްތާ ލާފައި ކަލަންޑަރު ހެދީ، ރިސޯޓު މުވައްޒަފުންނަށް ވެސް ޗުއްޓީ ލިބޭނެ ގޮތަށް،” މިނިސްޓަރު ވިދާޅުވިއެވެ.

“ކަލަންޑަރަށް ގެނައި ބަދަލުން މޭ މަހާއި ސެޕްޓެމްބަރު މަހާއި ދޭތެރޭ ތިން ޗުއްޓީއިން ހަތަރު ހަފްތާ ލިބޭނެ.”

އަންނަ އަހަރުގެ ކަލަންޑަރުގައި ސްކޫލުގައި ކިޔަވައިދޭނެ ދުވަސްތަކާއި އެއް ދަންފަޅީގައި ކިޔަވައިދޭނެ ދުވަސްތައް ހުރީ ވަކިކޮށްފަ އެވެ. އަދި ކުޑަކުދިންގެ ދުވަހާއި ޓީޗަރުންގެ ދުވަހަކީ އެއް ދަންފަޅީގައި ކިޔަވައިދޭ ދުވަސްތައް ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

ކަލަންޑަރަށް ގެނެސްފައިވާ އާ ބަދަލުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެ ބަދަލު ގެންނަން ނިންމެވީ އެކަޑަމިކް ކަލަންޑަރުން އެންމެނަށް ވެސް ޗުއްޓީތަކާއި ބަންދު ދުވަސްތަކުގެ އިތުރުން މުހިންމު ދުވަސްތައް ސާފުވާނެ ގޮތަށް ހެދުމަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް