ބ. ތުޅާދޫ އެއާޕޯޓް ހަދަން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހަވާލުކުރި ކުންފުނީގެ އެއްބަސްވުން އުވާލައި އެ މަސައްކަތް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ.
ކުރީގެ ސަރުކާރުން ޖުލައި 2023 ގައި އެ މަސައްކަތް ހަވާލުކުރީ އަމިއްލަ ކުންފުންޏެއް ކަމަށްވާ ކެޕިޓަލް މެރިން އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ. އެ ކުންފުނިން އެ އަހަރުގެ ސެޕްޓެމްބަރު މަހު އަމަލީ މަސައްކަތް ވެސް ފެށި އެވެ. އެއީ އަމިއްލަ ކުންފުނިތަކުން ފަންޑު ކުރާ ގޮތަށް، ރިސޯޓް ހަދާނެ ރަށެއް ލިބޭ އުސޫލުން އެއާޕޯޓް ހަދަން ނޮވެމްބަރު 22 ގައި ހުޅުވާލި ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ.
އެކަމަކު، ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ބުނީ، 2023 ގެ އެއްބަސްވުން އުވާލައި ތުޅާދޫ ޑޮމެސްޓިކް އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ދައުލަތުގެ ކުންފުނި އެމްޓީސީސީއާ ހަވާލުކޮށްފައިވާ ކަމަށެވެ.
އެ މަސައްކަތުގެ އަގަކީ 570,260,350.80ރ. އެވެ. ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކޮށް ނިންމަންޖެހޭ މުއްދަތަކީ 660 ދުވަހެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނިގޮތުގައި ތުޅާދޫގައި ހަދަނީ 1،800 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެއް ކަމަށެވެ. އަދި އެއީ ކޯޑް 3C ގެ ރަންވޭއެއް ކަމަށް ބުންޏެވެ.
“އަދި މިއަދު ސޮއެކުރެވުނު އެއްބަސްވުމުގެ ދަށުން އެއާޕޯޓު ގާއިމުކުރުމަށްޓަކައި 55.4 ހެކްޓަރުގެ (2،231،740.00 ކޮޑި މީޓަރުގެ ވެލި) ބިން ހިއްކައި، 2،804 މީޓަރުގެ ރޮކް ރިވެޓްމެންޓް އަދި 1،677 މީޓަރުގެ ޖިއޯ ބޭގް ރެވެޓްމެންޓް ޖެހިގެން ދާނެ އެވެ،” މިނިސްޓްރީން ބުންޏެވެ.
ސަރުކާރުން ބުނީ، ތުޅާދޫގައި އެއާޕޯޓެއް އަޅަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކާއި ރިސޯޓެއް އަދި ސިނާއީ ސަރަޙައްދަކުން ވިޔަސް އެންމެ ގިނައިރު ވެގެން 30 މިނިޓުން ފޯރާނެ ދުރުމިނެއްގައި ޑޮމެސްޓިކް އެއާޕޯޓެއް ގާއިމްކޮށް، ގައުމީ ޑޮމެސްޓިކް އެއާޕޯޓް ވިއުގާ ފުޅާކުރުމަށް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު