ބ. ކަމަދުއަށް ސީޕްލޭންގެ ހިދުމަތް ފަށަން މޯލްޑިވިއަނުން ހޯކްސް ހޮޓެލްއާ އެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ކަމަދޫގައި މި ހިދުމަތް ފަށަން ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަތެވެ. އެމަނިކުފާނު ބ. އަތޮޅުގެ 13 ރަށަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ފުރަތަމަ ވަޑައިގަތީ ކަމަދުއަށެވެ.
ކަމަދޫގެ ގިނަ ބަޔަކު ބައިވެރިވި ރަސްމިއްޔާތުގައި، މޯލްޑިވިއަންގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސްއެވެ. ހޯކްސް ހޮޓެލްގެ ފަރާތުން ސޮއި ކުރެއްވީ ހޯކްސް ކުންފުނީގެ ޖެނެރަލް މެނޭޖަރު ހުސައިން އަމަންއެވެ.
ގެސްޓް ހައުސް ވިޔަފާރީގައި ކުރިއަރާފައިވާ ކަމަދުއަށް އީދާއި ބޮޑު ޗުއްޓީ ފަދަ ބަންދުތަކުގައި ގިނަ ބަޔަކު މިހާރު ވެސް ޒިޔާރަތް ކުރެއެވެ. އެ ރަށުގައި ސީ ޕްލޭން ހިދުމަތާ އެކު، ޓޫރިޒަމް އިތުރަށް ފުޅާވާނެ ކަމަށް ކަމަދޫ ކައުންސިލުން ދެކެއެވެ.
މީގެ އިތުރުން، މިއަދުގެ ރަސްމިއްޔާތުގައި ކަމަދޫ ސްކޫލުގައި އިމާރާތްކުރާ އައު ޢިމާރާތުގެ އެއްބަސްވުމުގައިވެސް ސޮއިކުރެވުނެވެ. އަދި ހަމައެހެންމެ، ކަމަދޫގައި 24 ގަޑިއިރު ޚިދުމަތްދޭ އޭޓީއެމްގެ ޚިދުމަތްވެސް މިއަދު ފަށައިފިއެވެ. މި ޚިދުމަތުގެ ސަބަބުން ރައްޔިތުންނަށް ފައިސާ ނެގުމާއި ޖަމާކުރުމުގެ ފަސޭހަކަން ލިބިގެންދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު