ގެވެށި އަނަނިޔާގެ މައްސަލައަކާ ގުޅިގެން ހިޔާ ފްލެޓުގެ އެޕާޓްމަންޓެއް ބަލައި ފާސްކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ ވޭޕް ފްލޭވަރ ފުޅިތަކެއް ފެނިއްޖެއެވެ.
ފުލުހުންގެ ބަހުގައި، އިއްޔެ ރޭ 21:14 ގައި ފުލުހުންނަށް ރިޕޯޓުކުރެވުނު މި މައްސަލައާ ގުޅިގެން އެ އެޕާޓްމަންޓް ބަލައި ފާސްކުރިއިރު 242 ވޭޕް ފްލޭވަރ ފުޅި ފެނުނު ކަމަށް ބުނެފައިވެއެވެ. މި ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައި ކަމަށް އެ އިދާރާއިން މަޢުލޫމާތު ދީފައިވެއެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙްޤީޤުކުރަމުންނެވެ.
ފާއިތުވި ޖުލައި މަހުގެ ތެރޭގައި ވޭޕް ބޭނުންކުރުމާއި، ވިއްކުމާއި، އަދި ގެންގުޅުމުގެ ކުށްތަކުގައި ކުރެވުނު ޖޫރިމަނާގެ އަދަދު 127,000 ރުފިޔާއަށް އަރާފައިވެއެވެ. މިއީ 15 މައްސަލައެއް ކަމަށާއި، އޭގެ ތެރެއިން އެންމެ ގިނައީ ވޭޕް ބޭނުންކޮށްގެން ކުރެވުނު ޖޫރިމަނާއެވެ. މިގޮތުން، ވޭޕް ބޭނުންކުރުމަށް 62,000 ރުފިޔާގެ ޖޫރިމަނާ ކުރެވިފައިވާއިރު، އޭގެ ވިޔަފާރިކުރުމަށް 7,000 ރުފިޔާގެ ޖޫރިމަނާ ކުރެވިފައިވެއެވެ. އަދި ވޭޕް ގެންގުޅުމަށް 58,000 ރުފިޔާގެ ޖޫރިމަނާ ކުރެވިފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
ދުންފަތް ކޮންޓްރޯލްކުރުމުގެ ޤާނޫނަށް ގެނެވުނު އިޞްލާޙާ އެކު، ދިވެހިރާއްޖެއަށް ވޭޕް އެތެރެކުރުން މަނާކުރެވިފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ. އަދި ދިވެހިރާއްޖޭގައި ވޭޕް ބޭނުންކުރުމާއި، އޭގެ ވިޔަފާރިކުރުމާއި، އަދި ހިލޭ ބެހުން މަނާކުރެވިފައިވަނީ އޭގެ ފަހުން އައި ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު