ގެދޮރުވެރިކަމުގެ ސްކީމުގެ ދަށުން ފްލެޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމާއި، އެފަރާތްތަކަށް ފްލެޓް ޙަވާލުކުރުމުގެ މަސައްކަތް، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް (އެފްޑީސީ) އާ ގުޅިގެން މާލޭގައި ކުރިއަށް ގެންދާ ކަމަށް މިއަދު ވަނީ ހާމަކުރެވިފައެވެ. މި މަސައްކަތްތަކުގައި ފާހަގަކުރެވުނު މައްސަލަތަކަށް އިސްކަންދީ، އެކަންކަން ހައްލުކުރުމަށް މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށްވެސް ވަނީ ފާހަގަކުރެވިފައެވެ.
މިނިސްޓްރީން މިއަދު އާންމުކުރި އިޢުލާނެއްގައިވާ ގޮތުން، މިނިސްޓްރީގެ ނަންބަރު (IUL)491/491/2025/80 (19 ޖުލައި 2025) އިޢުލާނާއި، އުޞޫލު ނަންބަރު 2022-G-20 (ގެދޮރުވެރިކަމުގެ ސްކީމުގެ ދަށުން ފްލެޓް ދޫކުރުމުގެ އުޞޫލު) އަދި މިނިސްޓްރީގެ ނަންބަރު (IUL)491/491/2025/45 (29 މެއި 2025) އިޢުލާނަށް ރިޢާޔަތްކޮށް، ފްލެޓް ލިބުނު ފަރާތްތަކުގެ މަޢުލޫމާތު އެފްޑީސީއާ މިހާރު ދަނީ ހިއްސާކުރަމުންނެވެ.
މި މަސައްކަތްތައް ކުރިއަށް ގެންދަވަމުންދާއިރު، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ކުރީގެ އިޢުލާނެއްގައި ފްލެޓް ލިބޭނެކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތަކަށް ގޯސްކޮށް ފްލެޓް ކަނޑައެޅިފައިވާކަން ނުވަތަ ނުކަނޑައެޅިފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.
ކުރީގެ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނަންބަރު (IUL)471-HDS3/471/2023/365 (15 ނޮވެންބަރު 2023) އިޢުލާނުގައި ބަޔާންކޮށްފައިވަނީ، ގެދޮރުވެރިކަމުގެ ސްކީމުގެ ފައިނަލް ލިސްޓުން 3 ކޮޓަރީގެ ފްލެޓް ފުރަތަމަ ބުރުގައި ލިބޭނީ 76 އިން ފެށިގެން މަތިން މާރކްސް ލިބިފައިވާ ފަރާތްތަކަށް ކަމަށެވެ. އަދި އެ ފަރާތްތަކަށް ފްލެޓް ކަނޑައެޅުމަށްފަހު ބާކީވާ ފްލެޓްތައް 75 މާރކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތަކުން ހޮވޭ ފަރާތްތަކަށްކަމަށް ވެސް އެ އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ. 2 ކޮޓަރީގެ ފްލެޓް ލިބޭނީ 73 އިން ފެށިގެން މަތިން މާރކްސް ލިބިފައިވާ ފަރާތްތަކަށް ކަމަށްވެސް އެ އިޢުލާނުގައިވެއެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑުން ޢިމާރާތްކޮށްފައިވާ 4000 ފްލެޓު ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމާ ގުޅޭhttps://t.co/xtzd2UhlTL pic.twitter.com/mujIeR4qaY
— Ministry of Construction, Housing & Infrastructure (@MoCImv) August 4, 2025
ނަމަވެސް، 2023 ނޮވެންބަރު 16 ވަނަ ދުވަހު ފްލެޓްތައް ކަނޑައެޅުމަށް ކުރިއަށްގެންދިޔަ ގުރުއަތު ނެގުމުގައި، 76 އަށްވުރެ މަތިން މާރކްސް ލިބިފައިވާ ބައެއް ފަރާތްތަކަށް ފްލެޓް ކަނޑައަޅާފައިނުވަނީސް، 75 މާރކްސް ލިބުނު ބައެއް ފަރާތްތަކަށް ގުރުއަތުން ފްލެޓް ކަނޑައަޅާފައިވާކަން މި މިނިސްޓްރީއަށް ވަނީ ފާހަގަކުރެވިފައެވެ.
މިކަމާ ގުޅިގެން މިނިސްޓްރީން ހާމަކޮށްފައިވަނީ، ކުރީގެ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ 15 ނޮވެންބަރު 2023 ގެ އިޢުލާނުން 76 މާރކްސް އަށްވުރެ މަތިން ލިބުނު ފަރާތްތަކަކީ ފްލެޓް ލިބޭނެކަމަށް ކަނޑައަޅާފައިވާ ފަރާތްތަކަށްވާތީ، އެ ފަރާތްތަކަށް ފްލެޓް ކަނޑައަޅައި، އެ މަރުޙަލާ ނިމުމުން، 75 މާރކްސް ލިބުނު ފަރާތްތަކުގެ ފްލެޓާއި ގުޅޭ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ.
މި މައްސަލަ ހައްލުކުރުމަކީ، ގެދޮރުވެރިކަމުގެ ސްކީމުގެ އިންސާފުވެރިކަން ކަށަވަރުކުރުމަށްޓަކައި ސަރުކާރުން އަޅުއްވާ މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓްރީން ހާމަކުރެއެވެ. ގެދޮރުވެރިކަމުގެ ސްކީމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ރައްޔިތުންނަށް ދިރިއުޅުމުގެ ލުއިފަސޭހަ ގޮތްތައް ފަހިކޮށްދެއްވުމަށް ކުރައްވާ މަސައްކަތްޕުޅުތަކުގެ ތެރޭގައި ހިމެނޭ މުހިންމު މަޝްރޫޢެކެވެ.


ކިޔުންތެރިންގެ ހިޔާލު