ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ މަޤާމަށް ޢަބްދުލްޣަނީ މުޙައްމަދު ޢައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ރުހުން ދީފިއެވެ. އަބްދުލްޣަނީ މުޙައްމަދަކީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރެއް އަދި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސްގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ.
އުއްތަމަ ފަނޑިޔާރުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުމާ ގުޅިގެން، ޢަބްދުލްޣަނީ މުޙައްމަދުގެ އިތުރުން ހައިކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާޢު ޢުޘްމާނާއި، ފެމިލީ ކޯޓުގެ ޤާޟީ އަދި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްޤާޟީ ޢަބްދުﷲ މުޙައްމަދު ވެސް ކުރިމަތިލެއްވިއެވެ. މި ތިން ބޭފުޅުންނާ އިންޓަވިއު ކުރެއްވުމަށްފަހު، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން އިސްކަންދެއްވާފައިވަނީ ޢަބްދުލްޣަނީ މުޙައްމަދު އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަންކުރެއްވުމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީގައިވެސް ބަޔާންކުރައްވާފައިވަނީ، އުއްތަމަ ފަނޑިޔާރުގެ މަޤާމަށް ޢަބްދުލްޣަނީ މުޙައްމަދު ޢައްޔަންކުރެއްވުމަށް ޖޭއެސްސީން ލަފާދެއްވާފައިވާ ކަމަށެވެ. މި މައްސަލަ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވުމުން، އެ ކޮމިޓީގެ މެންބަރުންގެ އިއްތިފާޤުން ފާސްކޮށްފައިވަނީ ޢަބްދުލްޣަނީ މުޙައްމަދު އުއްތަމަ ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށެވެ. މި ކަމަށް އަދި މަޖިލީހުގެ ޖަލްސާގައި ވޯޓަށް އަހައި، ފާސްކުރުން އޮންނާނެއެވެ.
އުއްތަމަ ފަނޑިޔާރުގެ މަޤާމަށް މީހަކު ޢައްޔަންކުރުމަށް އިޢުލާނުކޮށްފައިވަނީ، އެ މަޤާމުގައި ހުންނެވި އަލްއުސްތާޛު އަޙްމަދު މުއުތަސިމް ޢަދުނާން މަޤާމުން ރިޓަޔަރކުރެއްވުމާ ގުޅިގެން އެ މަޤާމު ހުސްވުމުންނެވެ.


ކިޔުންތެރިންގެ ހިޔާލު