ސިއްހީ އެކިއެކި ހިދުމަތްތަކަށް ދާއިމީކޮށް ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގައި ދަތުރުކުރާ ރައްޔިތުންނަށް ހިލޭ ދަތުރުކުރެވޭނެ އިންތިޒާމު ވަރަށް އަވަހަށް ހަމަޖައްސަމުންދާ ކަމަށް ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މި ހިދުމަތް ފޯރުކޮށްދިނުމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ އެހީތެރިކަމާއެކު މިހާރުވެސް މަސައްކަތް ކުރިއަށްދާކަމަށް ވުޒާރާއިން ވިދާޅުވެއެވެ.
މިކަން ހާމަކުރައްވާފައިވަނީ ޕީއެސްއެމް ނިއުސްގެ ‘ރާއްޖެމިއަދު’ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު އިބްރާޙިމް ޔާސިރްއެވެ. އާއްމުންގެ ހިޔާލުތަކާ އެއްގޮތަށް، ރައްޔިތުން ބޭނުންވާ ބަދަލުތަކާއެކު ހިދުމަތްތައް ހަރުދަނާ ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. އެގޮތުން ބޮޑެތި އަދި ދާއިމީ ބަލިތަކާ ގުޅިގެން، ގަވައިދުން ފަރުވާއަށް ދަތުރުކުރަންޖެހޭ މީހުންނަށް އާރްޓީއެލްގައި ހިލޭ ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސަމުންދާ ކަމަށެވެ. މި މަސައްކަތް ކުރިއަށްގެންދަނީ ދަތުރުފަތުރާ ބެހޭ ވުޒާރާއާއި ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އަދި އެމްޓީސީސީ ގުޅިގެންނެވެ.
ޔާސިރް ވިދާޅުވީ، މި ހިދުމަތް ފެށުމަށް ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަމުން ދާކަމަށާއި، ހިދުމަތް ފެށުމާ ވަރަށް ގާތަށް އާދެވިފައިވާ ކަމަށެވެ. މި ހިދުމަތް ދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހާއްސަ ކާޑެއް އެންސްޕާ މެދުވެރިކޮށް ދޫކުރެވޭނެއެވެ. އެ ކާޑު ބޭނުންކޮށްގެން، ބަލިމީހާއާއި އަދި ބަލިމީހާއަށް އެހީތެރިވާ ފަރާތަކަށް ހިލޭ ދަތުރުކުރެވޭނެ ކަމަށްވެސް ޔާސިރް ވިދާޅުވިއެވެ.
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ހައި ސްޕީޑް ފެރީގެ ހިދުމަތަކީ، ބަރޯސާވެވޭ ނިޒާމެއްގެތެރެއިން އަގުހެޔޮކޮށް ދަތުރުފަތުރުގެ ފުރުސަތު ރައްޔިތުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ ހިދުމަތެކެވެ. މި ހިދުމަތް މިހާތަނަށް 11 އަތޮޅެއްގައި ފަށާފައިވާއިރު، ހާއްސަ އެހީތެރިކަމަށް ބޭނުންވާ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް މިހާރުވެސް އާރްޓީއެލްގެ ހިދުމަތުގެ ތެރެއިން ހިލޭ ދަތުރުކުރެވެއެވެ.
އާރްޓީއެލްގެ ހިދުމަތަކީ ސަރުކާރުން މިހާރުވެސް ބޮޑު ސަބްސިޑީއެއްދީގެން ދެމުންގެންދާ ހިދުމަތެކެވެ. އެގޮތުން އެހިދުމަތަށް ސަބްސިޑީގެ ގޮތުގައި %70 ހޭދަ ކުރަމުންދެއެވެ. ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ރޫޓުތައްވެސް ކަނޑައަޅާފައިވަނީ، އާއްމު ހިދުމަތްތައް ހޯދުމަށް ދަތުރުކުރާ ރަށްތަކާއި، ކޮންމެ ރޫޓަކުންވެސް ފަސޭހައިން ގުޅޭގޮތަށެވެ. އެގޮތުން ސިއްހީ ހިދުމަތްތަކާއި ސަރުކާރުގެ މުވައްސަސާތަކުން އަސާސީ ހިދުމަތްތައް ހޯދުމަށް ފަހިވާނެގޮތަށެވެ.
އާރްޓީއެލްގެ ހިދުމަތާ ގުޅޭގޮތުން ޒޯން 1 ގައި، 2023 ވަނަ އަހަރު ކުރިއަށްގެންދިޔަ އިކޮނޮމިކް އިމްޕެކްޓް ސަރވޭގައި ބުނާގޮތުން، މި ހިދުމަތާމެދު %93 މީހުން ހިތްހަމަޖެހެއެވެ. އަދި ސަރަޙައްދުގެ %83 މީހުން އާރްޓީއެލްގެ ހިދުމަތް ހޯދައެވެ. މީގެއިތުރުން ދަތުރުފަތުރަށް އާއްމު ރައްޔިތުން ކުރާ ހޭދައިން އަހަރަކު 100 މިލިއަން ރުފިޔާ ސަލާމަތްކުރެވުނުކަމަށް އެ ދިރާސާގައި ދައްކާފައިވެއެވެ.
އެހެންކަމުން މި ހިދުމަތަކީ އާއްމުންނަށް ވީހާވެސް ރައްޓެހި، ބަރޯސާވެވޭ، އަދި ލުއިފަސޭހަ ހިދުމަތަކަށް ހެދުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު