މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގާ ޞިއްޙީ މަރުކަޒުތަކުގެ ޚިދުމަތްތައް ފުޅާކޮށް، ތަރައްޤީކުރުމަށް ފުޅާ ދާއިރާއެއްގައި މަޝްރޫޢުތަކެއް ފެށުމަށް ތައްޔާރުވަމުންދާކަމަށް އެ ގްރޫޕްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ.
މި ގޮތުން ހުޅުމާލޭ ހޮސްޕިޓަލަށް 10 ބުރީގެ އިތުރު އިމާރާތެއް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، މި އައު އިމާރާތާއެކު އިތުރު 250 އެނދާއި އަމިއްލަ ކޮޓަރިތައް ޤާއިމްކުރެވޭނެ ކަމަށް އެ މަނިކުފާނު ހާމަކުރެއްވިއެވެ.
މިއީ ރާއްޖޭގެ އެންމެ އާބާދީ ބޮޑު ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ފޯރުކޮށްދެވޭ ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، އެނދުގެ ދަތިކަމަށް ޙައްލެއް ހޯދައިދިނުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ. މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)، ދަރުމަވަންތަ ހޮސްޕިޓަލް، ހުޅުމާލޭ ހޮސްޕިޓަލް އަދި ވިލިމާލޭ ހޮސްޕިޓަލް ހިމެނެއެވެ. މި ހޮސްޕިޓަލްތަކަކީ ދުވާލަކު އެތައް ސަތޭކަ ބަޔަކު ޞިއްޙީ ޚިދުމަތް ހޯދަމުންދާ މުހިންމު މަރުކަޒުތަކެވެ.
ޙަލީމް މި ކަންކަން ހާމަކުރެއްވީ ޕީއެސްއެމް ނިއުސްގެ ‘ރާއްޖެމިއަދު’ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ މަނިކުފާނު ވިދާޅުވީ، ހުޅުމާލެ ހޮސްޕިޓަލަށް އިތުރުކުރާ 10 ބުރީގެ އައު އިމާރާތުގެ މަސައްކަތަށް ބޭނުންވާ މާލީ އެހީތެރިކަން ހަމަޖެއްސުމުގެ މަސައްކަތް މިހާރުވެސް މިނިސްޓްރީ އޮފް ފިނޭންސް، މިނިސްޓްރީ އޮފް ހެލްތު އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއާ ގުޅިގެން ކުރިއަށް ގެންދަވަމުންދާ ކަމަށެވެ. މި މަޝްރޫޢުގެ ދަށުން 250 އެނދާއި، އަމިއްލަ ކޮޓަރިތައްވެސް ޤާއިމްކުރެވޭނެއެވެ. މީގެ އިތުރުން، ހުޅުމާލެ ހޮސްޕިޓަލުގައި 28 އެނދުގެ ވޯޑެއް ތަރައްޤީކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށާއި، އެ މަސައްކަތް މި އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށްވެސް ސީއީއޯ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު