މާލެ ސަރަހައްދަށް މިއަދު މެންދުރު ކުރި ވިއްސާރައިގައި ވައިގަދަވެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަންނަ މަގުގައި ހުރި ގިޑިގެއެއް މިއަދު ވެއްޓިއްޖެއެވެ.
“ހަވާސާ” ނޫހަށް މަޢުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެއާޕޯޓަށް ވަންނަ މަގުގައި ޖަހާފައި ހުރި ގިޑިގެއެއް ވައިގަދަވުމުގެ ސަބަބުން ވެއްޓުނު ކަމުގެ މައުލޫމާތު ލިބުނީ 13:30 ހާއިރު ކަމަށެވެ.
މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައިނުވާ ކަމަށާއި އުޅަނދަކަށް ވެސް ގެއްލުމެއް ނުވާކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އޭގެއިތުރަށް، ފުލުހުންނާއި އެމްއޭސީއެލް މުވައްޒަފުން ގުޅިގެން ވެއްޓުނު ގިޑިގެ މިހާރު ވަނީ ނަގާފައެވެ. އަދި، ގިޑިގެ ވެއްޓުނުތާ ކުޑައިރުކޮޅެއް ތެރޭ ޓްރެފިކަށް އަލުން މަގު ހުޅުވާލިކަން އޮފިޝަލް ފާހަގަކުރިއެވެ.
މި ހާދިސާގެ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ. ބެލެވޭގޮތުގައި މިއީ ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތާ ގުޅިގެން ޖަހާފައިވާ ގިޑިގެއެކެވެ.
ކުރިއަށް އޮތް ދެ ދުވަހު ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވާނެ ކަމަށް މެޓުން ވަނީ އިއްޔެ ލަފާކޮށްފައެވެ.
އެހެންކަމުން ކަނޑު ދަތުރުކުރުމުގައި ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު