އެ ދެ އެއްބަސްވުމުގައި ވެސް ސޮއިކުރެއްވީ ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލާއި ލަންކާގެ ފޮރިން އެފެއާޒް، ފޮރިން އެމްޕްލޯއިމަންޓް އެންޑް ޓުއަރިޒަމް ވިޖިތާ ހެރެތު އެވެ.

ރާއްޖެ އާއި ލަންކާ އިން ފުރަތަމަ ސޮއިކުރި އެއްބަސްވުމަކީ ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުމެވެ. އެ އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ދެމެދުގައި ހެއްކާއި ލިޔެކިޔުންތައް ބަދަލުކޮށް، ތަހުގީގުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.

ދެވަނައަށް ސޮއިކުރި އެއްބަސްވުމަކީ ރާއްޖޭގެ ފޮރިން ސާވިސް އިންސްޓިޓިއުޓާއި ލަންކާގެ ބަންޑާރަނަޔެކަ އިންޓަނޭޝަނަލް ޑިޕްލޮމެޓިކް ޓްރެއިނިން އިސްޓިޓިއުޓާ ދެމެދު ވެވުނު އެއްބަސްވުމެވެ. އެ އެއްބަސްވުމުގެ ދަށުން ޑިޕްލޮމެޓިކް ޓްރެއިނިންތައް ކުރިއަށް ގެންގޮސް، ޑިޕްލޮމެންޓުންގެ ހުނަރު ތަރައްގީކޮށް، މައުލޫމާތު ބަދަލުކުރުން ހިމެނެއެވެ.

ދެ ދުވަހުގެ ދަތުރުފުޅެއްގައި ލަންކާގެ ރައީސް ޑިސަނަޔެކެ ރާއްޖެ ވަޑައިގެންނެވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އަދި މިއަދު ހަވީރު ވަނީ އެ މަނިކުފާނަށް ރަސްމީ މަރުހަބާ ދަންނަވައިފައެވެ. އެއަށްފަހު ރައީސް އޮފީހުގައި ރާއްޖެ އާއި ލަންކާއާ ދެމެދު ވަނީ ރަސްމީ މަޝްވަރާތައް ކުރިއަށްގެންގޮސްފައެވެ.

ރާއްޖެ އާއި ލަންކާއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކޮށްފައިވަނީ، އިނގިރޭސީންގެ ކިބައިން ރާއްޖެއަށް މިނިވަންކަން ލިބުނު ދުވަސް ކަމަށްވާ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ގައެވެ. މިއަހަރަކީ، ރާއްޖެ އާއި ލަންކާގެ ހާރިޖީ ގުޅުމަށް 60 އަހަރު ފުރޭ މުނާސަބާ ފާހަގަކުރާ އަހަރެވެ.