ރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާންއަށް ގާނޫނީ އަދި ޝަރުއީ ދާއިރާއިން ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާގެ ލަގަބް އަރުވައިފިއެވެ.

ރާއްޖޭގެ މިނިވަންކަމަށް 60 ވަނަ އަހަރު ފުރޭ މުނާސަބަތުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި މުއުތަސިމަށް އެ ލަގަބު އަރުވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އުއްތަމަ ފަނޑިޔާރުގެ މަގާމުން މުއުތަސިމް ރިޓަޔާކުރައްވާފައި ވަނީ މިމަހުގެ 21 ވަނަ ދުވަހުގައެވެ.
ގާނޫނުއަސާސީގެ ދަށުން އެކުލަވައިލި ދާއިމީ ސުޕްރީމް ކޯޓުގެ ބެންޗަށް މުއުތަސިމް އައްޔަންކުރެއްވީ 10 އޮގަސްޓު 2010 ގައެވެ. އެ މަނިކުފާނު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި 2014 ވަނަ އަހަރާ ހަމައަށް މަސައްކަތް ކުރައްވައިފައެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމުން އެ މަނިކުފާނު ވަކިކުރެއްވީ ވެސް 2014 ވަނަ އަހަރުގައެވެ.
ނަމަވެސް 2019 ވަނަ އަހަރު، އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް އެ މަނިކުފާނުގެ ނަންފުޅު އެއިރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުށަހެޅުއްވިއެވެ. އެ މަނިކުފާނު އުއްތަމަ ފަނޑިޔާރުގެ މަގާމުގެ ހުވައި ކުރެއްވީ 2019 ޑިސެމްބަރު 8 ގައެވެ.
އެ މަނިކުފާނު ވަނީ 1994 އިން 2001 ގެ ނިޔަލަށް ފޮރިން މިނިސްޓްރީގެ ލީގަލް ސެކްޝަނުގެ ޑިރެކްޓަރުގެ މަގާމު އަދާކުރައްވައިފައެވެ. އަދި 2001 އިން 2005 ވަނަ އަހަރުގެ ނިޔަލަށް މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަން (މިހާރު ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ) ގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ ގެ ޑީން އެއްގެ ގޮތުގައި މަސައްކަތް ކުރެއްވައިފައެވެ. މީގެ އިތުރުން 2005 އިން 2010 ވަނަ އަހަރުގެ ނިޔަލަށް އެ މަނިކުފާނު މަސައްކަތް ކުރައްވާފައި ވަނީ ލޯ ފާމެއް ކަމަށްވާ ކްލިޕާ އެންޑް ގެލިއޮން ލޯ އެސޯސިއޭޓްސްގެ ޕާޓްނަރެއްގެ ގޮތުގައެވެ.


ކިޔުންތެރިންގެ ހިޔާލު