ނ. ކެނދިކުޅުދޫގައި ތަރައްޤީކުރަމުންދާ ނޭޗަރ ޕާކުގެ ވިޒިޓަރ ސެންޓަރުގެ ބިންގާ މިއަދު އަޅައިފިއެވެ. “ދި މެންގްރޫވް ސެންޓަރ” ގެ ނަމުން މި ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤު އިބްރާހީމެވެ.
މި ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބޭއްވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި ރަސްމިއްޔާތުގައި ދައުލަތުގެ އިސް ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ކެނދިކުޅުދޫ ކައުންސިލާއި ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާ ގުޅިގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުގައި ހިމެނޭ، ކޮންމެ އަތޮޅެއްގައި ނޭޗަރ ޕާކެއް ޤާއިމުކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މީގެ މައިގަނޑު މަޤްޞަދަކީ އެރަށުގައި އީކޯ ޓޫރިޒަމް ފުޅާކުރުމެވެ.

މި މަޝްރޫޢުގެ ދަށުން ނޭޗަރ ބޭސްޑް ރެކްރިއޭޝަނަލް ހަރަކާތްތަކަށް ބޭނުންވާ ކެނޯ، ލައިފް ބޯޓު، ޕެޑަލް ބޯޓު އަދި އެއްގަމު ދަތުރުފަތުރަށް ބޭނުންވާ ބެޓްރި ބައިސްކަލާއި ބަގީފަދަ ތަކެތި ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ވިޒިޓަރ ސެންޓަރާއި ނޭޗަރ ޕާކުގައި ހިމެނޭ ރޫޓުތައް ހެދުމުގެ މަސައްކަތްވެސް ކުރިއަށްގެންދެވޭނެއެވެ.

ކެނދިކުޅުދޫ ކައުންސިލުން ފާހަގަކުރައްވާ ގޮތުގައި މިއީ އެރަށުގައި ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށާއި، ތިމާވެއްޓާ ރައްޓެހި ފަތުރުވެރިކަން ޕްރޮމޯޓްކޮށް ރަށުގެ ގުދުރަތީ މުއްސަނދިކަން އިޝްތިހާރުކުރުމަށް ކުރިއަށްގެންދެވޭ ވަރަށް މުހިންމު މަޝްރޫޢެކެވެ. މި މަޝްރޫޢަށް ސަރުކާރުގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން ރައީސް މުޢިއްޒު ވަނީ ކެނދިކުޅުދޫ ރައްޔިތުންނަށް ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު