މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް އިތުރަށް ފުޅާކޮށް ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން އެއާޕޯޓަށް ޒިޔާރަތް ކުރާ ފަތުރުވެރިންނާއި މެހެމާނުން މަޑުކޮށްލަން ހޮޓަލެއް އެއާޕޯޓުގައި ތަރައްގީ ކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލް ކަމަށްވާ މާފަރުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މަގު ހެދުމުގެ މަޝްރޫއު މިއަހަރު ފަހުކޮޅު ފެށި މަސައްކަތްތައް ހަލުވި ސްޕީޑެއްގައި ކުރިއަށްދާނެއެވެ. އަދި ހަމައެއާއެކު އެ ސަރަހައްދަކީ ޓޫރިޒަމް ދާއިރާގައި ކުރިއަރަމުން އަންނަ ސަރަހައްދަކަށްވާތީ މާފަރު އެއާޕޯޓުގައި އިތުރަށް ގިނަ މަސައްކަތެއް ކުރަން ޖެހިފައިވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
އެގޮތުން ފަތުރުވެރިން ޒިޔާރަތްކުރާއިރު މަޑުކޮށްލާނެ ހޮޓަލަކާއި އެހެނިހެން ތަންތަން ގާއިމުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
“އެންމެ މުހިންމު ކަމަކީ ޓާމިނަލްގެ މަސައްކަތް އެކަށީގެންވާ ފެންވަރެއްގައި ކުރެވިގެން ދިއުން. އަދިވެސް އިތުރުކަންކަން، ހަގީގަތުގައި މިއަތޮޅުގައި ވަރަށް ގިނަ ރިސޯޓުތައް، ވަރަށް ގިނަ އެނދުތައް ހުރުމާއި އަދި އެނދުތައް އިތުރުވުމުގެ މަރުހަލާގައި އުޅުމާއެކީ އެބައޮތް ވަރަށް ބޮޑު ޕޮޓެންޝަލްއެއް. އެހެންވީމާ މިތަނުގައި ހުންނަން ޖެހޭ އެހެން ކަންތައްތައްވެސް އެބަހުރި އެއާޕޯޓުގައި. މިސާލަކަށް ހޮޓަލެއް ޓޫރިސްޓުން އައިސް ފުރުމާއި ދޭތެރޭގައި މަޑުކުރަން ނޫނިއްޔާ މަޑުކޮށްލަން ވަގުތީގޮތުން ހުންނަ ބޭނުންތަކަށް ހުންނަ ހޮޓަލެއް ހުރުން. މިކަހަލަ ކަންތައްތަކެއް އަޅުގަނޑުމެންގެ ޕްލޭންގައި އެބައޮތް.” ރައީސް ވިދާޅުވިއެވެ.

މާފަރު އެއާޕޯޓުގެ ތަރައްގީއަށް ގިނަ ކަންތައްތައް ސަރުކާރުން ކުރަމުންދާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. މި މަސައްކަތަށް ބޭނުންވާ ދިރާސާތައް މިހާރުވެސް ހައްދަވަމުންދާ ކަމަށާއި ވަށާޖެހިފައިވާ ފުރިހަމަ އެއާޕޯޓަކަށް މާފަރު އެއާޕޯޓް ތަރައްގީކުރާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
“މާ ލަސްތަކެއް ނުވެ މި އެއާޕޯޓުގެ ޓާމިނަލް ހިމެނޭހެން އެހެން ދެން ހުރި ކަންކަން ހިމެނޭހެން މަސައްކަތް އަޅުގަނޑުމެން ކުރާނެކަން ތިބޭފުޅުންނަށް ޔަގީންކަން ދިނުމުގެ ގޮތުން ދަންނަވާލަން.” ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން މާފަރުގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއް އަންނަ އަހަރު ހިންގާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ބޯހިޔާވަހިކަމަށް އަންނަ އަހަރުގެ ބަޖެޓުގައި އެއް ބިލިޔަން ރުފިޔާ ކަނޑައަޅައިގެން ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގާ އާ ރަށްތަކުގެ ތެރޭގައި މާފަރު ހިމެނިގެންދާނެ ކަމަށާއި ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ބޭނުންވާ ސާމާނު މިހާރު ގެނެވިފައިވާކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ މާފަރުގެ ހެލްތު ދާއިރާގައި ރޭ ސޮއިކުރެވުނު މަޝްރޫއު އިތުރަށް ފުޅާކޮށް ރައްޔިތުން ބޭނުންވާ ގޮތަށް މަދުވެގެން އަދި އިތުރު 15 އެނދު ހިމެނޭ ގޮތަށް ބަދަލުކުރަން މިހާރު އަންގާފައިވާނެ ކަމަށާއި، ސްކޫލުގައި ކުލާސްރޫމުތައް އިތުރުކުރުމުގެ މަޝްރޫއަށް އިތުރު ހަތަރު ކުލާސްރޫމް ހިމަނާފައިވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު