މިހާރު ކޮންމެ ދުވަހަކުހެން ހިނގަމުންދާ އެކްސިޑެންޓްތަކާއި ގުޅިގެން ހުޅުމާލެ ފޭސް ދޭއްގެ ފުލުހުން އާއްމުން ހޭލުންތެރި ކުރުވުމަށް މަގުމަތީގައި ހަރަކާތްތެރިވުގެ ތެރެއިން ވަރުގަަދަ މެސެޖެއް އާއްމުންނަށް ދޭން ފަށައިފިއެވެ.
“ލަސްވުމަށް ވުރެ ފުރާނަ މުހިންމު” މިހެން ޖަހާފައިވާ ބޯޑުތައް ހިފައިގެން ހުޅުމާލޭގެ އެންމެ ބާރުބޮޑު ފޭސް ދޭއްގެ ނިރޮޅު މަގުގައި ފުލުހުން ދަނީ ހަަރަކާތްތެރިވަމުންނެެވެ. ފުލުހުން މި ހަރަކާތްތެރިވަމުންދާ ގަޑިއަކީ އާއްމުކޮށް އޮފީސްތަކާއި ސްކޫލްތަކަށް މީހުން ދާ ގަޑިއެވެ. މި ގަޑިއަކީ އެތައް ސަތޭކަ ބަޔަކު އެއްފަހަރާ މަގުތަކަށް ނުކުންނަ ގަޑިއެކެވެ.

ފުލުހުން އާއްމުކޮށްފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން ފެނިގެން ދަނީ މަގުމަތީގައި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ދައްކައިގެން “ލަސްވުމަށްވުރެ ފުރާނަ މުހިންމު!” މިހެން ޖަހާފައިވާ ޕޯސްޓަރުތައް ހިފައިގެން ތިބޭ ތަނެވެ.
ހުޅުމާލެ ފޭސް ދޭއްގެ ފުލުހުން ފޭސްބުކްގައި ކުރި ޕޯސްޓެެއްގައި ވިދާޅުވީ، ހަނދާން ބަހައްޓަންވީ ކަމަކީ އެއްވެސް އެޕޮއިންޓްމަންޓަކާއި ކްލާހެއް ނުވަތަ ބައްދަލުވުމެއްގެ އަގު ފުރާނައަށްވުރެ ބޮޑު ނުވާނެ ކަމަށެވެ.

“ތިބާގެ ސަލާމަތާއި ރައްކާތެރިކަން މުހިންމު – ހަމައެކަނި ތިބާއަށް ނޫން، ވަށައިގެންވާ އެންމެންގެވެެސް. އަވަހަށް ނިކުމޭ، ރައްކާތެރިކަމާއެކު ދުއްވާ!”. އެ ޕޯސްޓްގައި ވެެެއެވެ.
ފުލުހުން ދަނީ ލައުޑް ސްޕީކަރު ބޭނުންކޮށްގެންވެސް މުހިންމު މެސެޖްތަކެއް ދެމުންނެވެ.
ފުލުހުން ވަރުގަދަ މެސެޖަކާއެކު މަގުމައްޗަަށް ނުކުތްއިރު، މިފަހަކުން މާލެ ސަރަހައްދުގައި ބޮޑެތި އެކްސިޑެންޓްތަކެއް ހިނގާފައި ވެއެވެ. އަދި މާލޭގައި ޖުލައި 13 ވަނަ ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި 17 އަހަރުގެ ކުއްޖެއްގެ ފުރާނަވެސް ގެއްލިފައި ވެެއެވެ.

މާފަންނު ބަސް ޓާމިނަލް ކައިރިން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް، ކަފިހިހުރަހުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި އަދި އެ ތަނުން ދަތުކުރި ޕިކަޕެއްގައި ޖެހި މި އެކްސިޑެންޓް ހިނގީ ރޭ 8:15 ހާއިރެވެ.
އެ ތަނުން އެއް ކުއްޖަކު ޕިކަޕްގެ ދަށަށް ގޮސް ވަތް ތަން ސީސީޓީވީ ފޫޓޭޖުން ފެނެއެވެ.
މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން އުމުރުން 17 އަހަރުގެ ކުއްޖާ ނިޔާވިއިރު، އެ ސައިކަލުގެ ފަހަތުގަައި އިން އުމުރުން 16 އަހަރުގެ ކުއްޖަކާއި، ކަފިހިހުރަސް މަތިން މަގު ހުރަސްކުރި 40 އަހަރުގެ މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބުނެވެ.
ފުލުހުން އާއްމު ކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް، މާލެ ސިޓީ، ސިނަމާލެ ބްރިޖް އަދި ހައިވޭ ސަރަޙައްދުތަކުގައި ޖުމްލަ 1،101 މަގުމަތީގެ އެކްސިޑެންޓް ރިޕޯޓްކޮށްފަައި ވެެެއެވެ.
ފުލުހުން ހާމަކުރެއްވި ގޮތުގައި، މި އަހަރުގެ ޖެނުއަރީ 1 އިން އިން ޖޫން 30 އާ ދެމެދު ރިޕޯޓްކުރެވުނު މި ހާދިސާތަކުގެ ތެރެއިން އެންމެ ގިނައީ ސައިކަލާއި ކާރު ޖެހިގެން ހިނގި އެކްސިޑެންޓްތަކެވެ.
ހިނގާފައިވާ އެކްސިޑެންޓްތަކުގެ ނަތީޖާއަށް ބަލާއިރު، އެކްސިޑެންޓްތަކުގެ ތެރެއިން ހަ އިންސައްތަ އެކްސިޑެންޓްގައި ބޮޑެތި އަނިޔާތައް ލިބިފައިވާކަން ފާހަގަކުރެވެއެވެ. މި ހިސާބުތަކުން މަގުތަކުގައި ދުއްވާ އެއްޗެހި ދުއްވާއިރު އާއްމުން ސަމާލުކަން ދޭން ޖެހޭ މިންވަރު އިތުރުވެފައިވާކަން ދައްކައެވެ.


ކިޔުންތެރިންގެ ހިޔާލު