Advertisement

ނާޒިމް އަތުުން 1.3 މިލިއަން ރުފިޔާ ހޯދަން ހައިކޯޓަށް

ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ ކުރީގެ މެންބަރު، ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މިހާރުގެ މެންބަރު މުހައްމަދު ނާޒިމް، ޕްރީމިއާ ޗެމްބާސް ލޯފާމަށް 1،378.437.05 (1.3 މިލިއަން) ރުފިޔާ ދައްކަން ނުޖެހޭ ކަމަށް ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓަށް ހުށަހަޅައިފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރުގެ މަގާމުގައި ހުންނަވަނިކޮށް ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނުކަމުގެ ކުށުގެ ތުހުމަތުގައި 10 ފެބްރުއަރީ 2015 ގައި ހައްޔަރުކޮށް އެ މައްސަލައިގައި ދައުވާ ކުރިއެވެ. ފުލުހުންގެ ސުވަޓް ޓީމުން ނާޒިމް ދިރިއުޅޭ ގެ ބަލައި ފާސްކޮށް ވަނީ ފިސްތޯލެއް ހޯދައިފައެވެ. އެ މައްސަލައިިގައި ނާޒިމްގެ މައްޗަށް ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނުކަން ސާބިތުވާ ކަމަށް ކަނޑައަޅައި އޭނާ 11 އަހަރަށް ޖަލަށްލުމަށް 27 މާޗު 2015 ގައި ކުރިމިނަލް ކޯޓުން ހުކުމް ކުރިއެވެ.

Advertisement

އެ މައްސަލައިގައި ނާޒިމްގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަތް ވަކީލުންނަކީ ޕްރީމިއާ ޗެމްބާސްގެ ވަކީލުންނެވެ. އެ ޓީމުގައި މަޝްހޫރު ވަކީލެއް ކަމަށްވާ މައުމޫން ހަމީދުވެސް ހިމެނިވަޑައިގަންނަވައެވެ.

ކުރިމިނަލް ކޯޓުގެ އެ ހުކުމް ނާޒިމްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރި އިރު، ނާޒިމް ތަމްސީލު ކުރައްވަމުން ގެންދެވީ ޕްރީމިއާ ޗެމްބާސްގެ ވަކީލުންނެވެ. ނަމަވެސް ހައިކޯޓުގެ މަރުހަލާގެ ވަކި ހިސާބަކުން ނާޒިމް ވަނީ އެ ލޯފާމު އޭނާ ތަމްސީލު ކުރުން ނިމުމަކަށް ގެނެސްފައެވެ. އޭރު ހައިކޯޓު މަރުހަލާގައި އެ ލޯފާމުން ނާޒިމަށް ފޯރުކޮށްދިން ގާނޫނީ ހިދުމަތްތަކަށް ނާޒިމް ފައިސާ ދައްކަވާފައެއް ނުވެއެވެ.

އެހެންވެ ޕްރީމިއާ ޗެމްބާސްގެ ފަރާތުން އެ ފައިސާ ހޯދުމުގެ ގޮތުން ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަނަށް ހުށަހަޅައިފައެވެ. އެ މަރުހަލާގެ ތެރެއިން އެ ފައިސާ ނުލިބުމުން ޕްރީމިއާ ޗެމްބާސްގެ ފަރާތުން ވަނީ ސިވިލް ކޯޓުގައި ދައުވާކޮށްފައެވެ. ސިވިލް ކޯޓުން އެ ދައުވާ ދިރާސާ ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް 2021 ސެޕްޓެމްބަރު 21 ގައި ސުޕްރީމް ކޯޓުން ސިވިލް ކޯޓުގެ ޑިވިޝަންތަކެއް އުވާލުމުން، މައްސަލަ އެހެން ސެކްޝަނަކަށް ބަދަލު ކުރިއެވެ. ނަމަވެސް އެ ސެކްޝަންގެ ގާޒީ ރިޓާޔާ ކުރެއްވުމާ ގުޅިގެން އެ މައްސަލަ ވަނީ 22 މެއި 2023 ގައި ސިވިލް ކޯޓުގެ އެހެން ސެކްޝަނަކަށް ބަދަލުކޮށްފައެވެ.

ޕްރީމިއާ ޗެމްބާސްގެ ފަރާތުން ސިވިލް ކޯޓުގައި ބުނެފައިވަނީ ކުރިމިނަލް ކޯޓުގެ ހުކުމް ހައިކޯޓުގެ އިސްތިއުނާފު ކުރުމަށްޓަކައި އިސްތިއުނާފީ ފޯމު ތައްޔާރުކޮށް، ހައިކޯޓަށް ހުށަހެޅުމަށާއި އެ މަރުހަލާގައި ޕްރީމިއާ ޗެމްބާސް އިން ފޯރުކޮށްދީފައިވާ ގާނޫނީ ހިދުމަތްތަކުގެ އަގުގެ ގޮތުގައި 977،353.13 ރުފިޔާ ދެއްކުމަށް އަދި 23 ފެބްރުއަރީ 2019 އާއި 02 އެޕްރީލް 2019 ގެ އިތުރުން 23 އެޕްރީލް 2019 ގައި ފޮނުވާފައިވާ އިންވޮއިސްތަކަށްވާ ފައިސާއާ އެކު ޖުމުލަ 1،378.437.05 ނާޒިމްގެ ފަރާތުން ނަގައިދިނުމަށް އެދޭ ކަމަށެވެ.

އެ ދައުވާއާ ގުޅިގެން ނާޒިމް ވަނީ އިޖުރާއީ އިއުތިރާޒެއް ހުށަހަޅައި، އެ ދައުވާއަކީ ނާޒިމްގެ ފަރާތުން އެދިގެން ފޯރުކޮށްދީފައިވާ ހިދުމަތްތަކެއް ނޫން ކަމަށް ވިދާޅުވެފައެވެ. ނާޒިމް ވިދާޅުވެފައިވަނީ ކުރިމިނަލް ކޯޓުގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފަށް ހުށަހެޅުމަށްޓަކައި އެ މަސައްކަތް ކޮށްދިނުމަށް ޕްރީމިއާ ޗެމްބާސްގައި އެދިފައިނުވާނެ ކަމަށެވެ. އެހެންވެ މި ދައުވާ ކުރުމުގެ ހައިސިއްޔަތު ޕްރީމިއާ ޗެމްބާސްއަށް ލިބިގެންނުވާ ކަމަށް ނާޒިމް ވިދާޅުވެފައިވެއެވެ.

ދެ ފަރާތުން ދެއްކެވި ވާހަކަތައް އަޑުއެހުމަށްފަހު މައްސަލައިގެ ހުކުމަށް ވާސިލުވި ރައުޔުގައި މައްސަލަ ބެއްލެވި ގާޒީ ފައްޔާޒު ޝާތިރު ވިދާޅުވީ ދައުވާގައި ހޯދުމަށް އެދިފައިވާ ފައިސާއަކީ ދެ ފަރާތުން އެއްބަސްވެފައިވާ އަގެއް ނޫން ކަމަށް ނާޒިމް ވިދާޅުވެފައިވާ ކަމަށެވެ. އެހެންވެ މި މައްސަލައިގައި ނާޒިމް އާއި ޕްރިމިއާ ޗެމްބާސްއާ ދެމެދު ގާނޫނު ހުއްދަކުރާ ފަދަ އެއްބަސްވުމެއް ވެފައިވޭތޯ ބަލަންޖެހޭ ކަމަށެވެ.

ގާޒީ ވިދާޅުވީ ޕްރީމިއާ ޗެމްބާސްއިން 19 މެއި 2015 ގައި ނާޒިމަށް ފޮނުވި މެއިލްއިން، ގާނޫނީ ހިދުމަތްތަކައް ހުށަހެޅި އަގު މުރާޖައާކޮށް އަލުން އަގު ހުށަހެޅިކަން އެނގޭ ކަމަށެވެ. އެގޮތުން ފަހުން ހުށަހަޅާފައިވާ އަގަކީ 1،552،950 ރުފިޔާ ކަމަށެވެ. އަދި 16 ޖެނުއަރީ 2019 ވަނަ ޕްރީމިއަމް ޗެމްބާސްއިން ވަނީ ނާޒިމަށް އިންވޮއިސެއް ފޮނުވައި 977،353.13 ރުފިޔާ ދެއްކުމަށް އެދިފައި ކަމަށެވެ. ނަމަވެސް އެ އަގަށް ނާޒިމް ވަނީ އިންކާރުކުރައްވައިފައި ކަމަށް ޖަވާބުދާރީވަމުން ނާޒިމް ވިދާޅުވެފައިވާ ކަމަށް ގާޒީ ވިދާޅުވިއެވެ.

މައްސަލައިގެ ހެކީގެ ގޮތުގައި ޕްރީމިއާ ޗެމްބާސްގެ ފަރާތުން ހުށަހަޅާފައިވާ އީމެއިލްތަކުން ފަހުން ހުށަހެޅި އަގަކީ ނާޒިމްއަށް އެނގިގެން ގެނެސްފައިވާ ބަދަލެއް ކަމަށް އެ ލޯފާމުން ފާހަގަކުރިޔަސް އެ ލޯފާމުގެ މެއިލްތަކަކީ ތިންވަނަ ފަރާތަކުން، އެ ފަރާތުގެ އީމެއިލް އެޑްރެސް އިން، ދައުވާކުރާ ފަރާތަށް ފޮނުވި މެއިލްއެއްކަން އެނގޭ ކަމަށާއި އެ ފަރާތަކީ ނާޒިމްގެ ފަރާތުން ބަސް ބުނުމުގެ އެއްވެސް ގާނޫނީ އަސާސެއް ލިބިގެންވާ ބައެއް ނޫން ކަމަށް ގާޒީ ވިދާޅުވިއެވެ.

އެހެންވެ ޕްރީމިއާ ޗެމްބާސް އާއި ނާޒިމްއާ ދެމެދު ގާނޫނީ އެއްވެސް ބާރެއް ދެވޭނެ އެއްބަސްވުމެއް ނެތް ކަމަށް ގާޒީ ވިދާޅުވިއެވެ.

އެކަން ފާހަގަކުރައްވައި ގާޒީ ހުކުމް ކުރެއްވީ ޕްރީމިއާ ޗެމްބާސްގެ ފަރާތުން ދައުވާގައި އެދިފައިވާ ގޮތަށް ނާޒިމްގެ އަތުން 1،378.437.05 ރުފިޔާ ނަގައިދެވެން ނެތް ކަމަށެވެ.

ޕްރީމިއާ ޗެމްބާސްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވަނީ މި ހުކުމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް