އައްޑޫސިޓީގެ އިދާރީ ދާއިރާގައި ހިމެނޭ ބައެއް ސަރަޙައްދުތައް ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީ ކުރުމުގެ ގޮތުން، އެ ސިޓީގެ އިހުތިސާސަށް ބަދަލު ގެނެސް، ސަވާހިލި ވަކިކޮށްލީ، އެރަށް ބޭނުންކޮށްގެން ނުހައްގުން މަންފާ ނަގަން އުޅޭތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އިސްމާއީލް ނިޒާރު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީގެ އިހުތިސާސްގެ ތެރޭގައި އޮތް “ސަވާހިލި” ސަރަހައްދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން ކައުންސިލްގެ އިހުތިސާސުން ވަކިކުރެއްވުމާ ގުޅިގެން، އިދިކޮޅުން ބުނަމުނ ްދަނީ ސަވާހިލިއަކީ އައްޑޫގެ ޓޫރިޒަމް ޒޯންތަކުގެ ތެރެއިން މަސައްކަތްތައް މިހާރު އެންމެ ބާރަށް ކުރިއަށްދާ ފޭދޫ ޓޫރިޒަމް ޒޯނާ ދިމާލުން އޮތް ފަޅު ކަމަށާއި އައްޑޫ ސިޓީގެ އިހުތިސާސުން ވަކިކުރީ ސިޓީގެ އިގުތިސާދީ ތަރައްގީ އަށް ކުރަމުން އަންނަ މަސައްކަތްތައް ހުއްޓުވަން ކަމަށެވެ. އަދި ސަރުކާރުން އެތަން ފޭރިގަތީ ކަަމަށް އިދިކޮޅުން ވަނީ ތުހުމަތުކޮށްފައެވެ.
ސަރުކާރުން ބުނަމުންދަނީ މިއީ އައްޑޫގެ ފަތުރުވެރިކަން ފުޅާކޮށް، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށް އެ ސަރަހައްދު ތަރައްގީކުރުމަށް ނިންމި ނިންމުމެއް ކަމަށެވެ.
މި ހުރިހާ ތުހުމަތުތަކަށް ރައްދު ދެއްވަމުން މެންބަރު ނިޒާރު މިއަދު ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، ސަވާހިލި ސަރަހައްދަކީ އެތައް ޒަމާނެއް ވަންދެން އައްޑޫ ސިޓީ ކައުންސިލްގެ ފުރިހަމަ ބާރުގެ ދަށުގައި އޮތް ތަނެއް ކަމަށެވެ. އަދި އައްޑޫ ސިޓީ ކައުންސިލަކީ އަބަދުވެސް އެމްޑީޕީގެ ފުރިހަމަ އަޣުލަބިއްޔަތު އޮންނަ ކައުންސިލަކަށް ވެފައި، އެމްޑީޕީގެ ދެ ވެރިކަން ނިމިގެން ދިޔައިރުވެސް އެ ސަރަހައްދު ތަރައްގީކުރަން އެއްވެސް ކަމެއް ކޮށްފައި ނުވާކަން ނިޒާރު ފާހަގަކުރެއްވިއެވެ.
“އައްޑޫ ރައްޔިތުންނަށް ހެޔޮއެދިގެން ފޭދޫ ޓޫރިޒަމް ޒޯނަށްޓަކައި ސަވާހިލި ތަރައްގީ ކުރި ނަމަ، މިއަދު އެތަން ފަޅުރަށެއްގެ ގޮތުގައި ނޯންނާނެ. ރައްޔިތުންނަށް އެއްވެސް މަންފާއެއް ނުކުރާ، ނާޖާއިޒު މަންފާ ހޯދަން ކުރާ ކަންކަން ނާކާމިޔާބުވުމުން ރައްޔިތުންނަށް ކަންކަން އޮޅުވައި ފިތުނަ އުފެދޭ ގޮތަށް ވާހަކަ ދެއްކުމަކީ ވަރަށް ދެރަ ކަމެއް،” ނިޒާރު ވިދާޅުވިއެވެ.
މީގެ އިތުރުން، މިއީ މުޅި ކައުންސިލުން ކުރާ ކަމެއް ނޫން ކަމަށާއި، ކައުންސިލްގައި ތިއްބެވި ނުފޫޒުގަދަ ބައެއް މެންބަރުން މިކަމުގައި ޝާމިލުވާ ކަމަށް ނިޒާރު ތުހުމަތު ކުރެއްވިއެވެ. އަދި މިކަންކަމަކީ އައްޑޫ ރައްޔިތުންނަށް އޮޅިފައިވާ ކަންކަން ނޫން ކަމަށާއި، އޮޑިޓް ރިޕޯޓްތަކުން މިކަންކަން ސާފުވާން ހުރި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސަވާހިލި ސަރަހައްދަކީ އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ތެރެއިން ފޭދުއާއި މަރަދޫފޭދޫގެ މެދަށް ވާގޮތަށް އޮންނަ ސަރަހައްދެކެވެ. މި ސަރަހައްދު ކައުންސިލުން ބީލަމަށް ލާފައި ވަނިކޮށް، މި މަހުގެ 22 ވަނަ ދުވަހު ރައީސް މުއިއްޒު ނެރުއްވި ގަރާރަކުން ވަނީ އެތަން ކައުންސިލްގެ އިހުތިސާސުން ވަކިކުރައްވާފައެވެ. ސަރުކާރުގެ މި ނިންމުމާއެކު ސަވާހިލި މިހާރު ޗާޓުގައި ފާހަގަކޮށްފައިވަނީ ރިސޯޓެއްގެ ގޮތުގައެވެ. މީގެ އިތުރުން ހިތަދޫ ސަރަހައްދުގައި އޮންނަ ބޮލިހެރަ ވެސް ވަނީ ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު