Advertisement

ކައުންސިލުތަކުގެ ބްލޮކު ގްރާންޓަށް އަންނަ އަހަރުވެސް 2.4 ބިލިއަން ރުފިޔާ ދެނީ

އަންނަ އަހަރު ދައުލަތުގެ ބަޖެޓުން ކައުންސިލުތަކަށް ދޭ ބްލޮކް ގްރާންޓް ނުވަތަ ހިލޭ އެހީގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ ދިނުމަށް ފިނޭންސް މިނިސްޓްރީން ނިންމައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ ކުރިއަށް އޮތް ތިން އަހަރުގެ މެދުރާސްތާ ބަޖެޓު ތައްޔާރުކުރުމަށް ފިނޭންސް މިނިސްޓްރީން ކައުންސިލުތަކަށް ފޮނުވި ސާކިއުލާއެއްގައެވެ.

Advertisement

ފިނޭންސް މިނިސްޓްރީން ނެރުނު މި ސާކިއުލާގައި، 2027 އިން 2029 އަށް ލަފާކުރާ ބަޖެޓުގެ ތަފްސީލުތައް ހިއްސާކުރުމަށް ވަނީ އަންގާފައެވެ. މީގެ ތެރޭގައި ސަރުކާރުން ދޭ ހިލޭ އެހީގެ އިތުރުން، ކައުންސިލްތަކަށް އަމިއްލައަށް ލިބޭ އާމްދަނީ އާއި ކުރަންޖެހޭ ހަރަދުތަކުގެ މައުލޫމާތު ހިމެނުމަށްވެސް ވަނީ އެދިފައެވެ. ކައުންސިލްތަކުގެ ބަޖެޓު އެކުލެވިގެންވަނީ ބްލޮކް ގްރާންޓާއި، ކޮންޑިޝަނަލް ގްރާންޓާއި، ޓްރަސްޓް ފަންޑުގެ އިތުރުން ކައުންސިލަށް ވަންނަ އެހެނިހެން އާމްދަނީގެ މައްޗަށެވެ.

އަންނަ އަހަރަށް ކަނޑައަޅާފައިވާ 2.4 ބިލިއަން ރުފިޔާއަކީ މި ހިނގާ އަހަރަށްވެސް ކަނޑައެޅި އަދަދާ ދާދި އެއްވަރުގެ އަދަދެކެވެ. މިއަހަރު ކައުންސިލްތަކަށް ދޫކުރި އަދަދަށް އަންނަ އަހަރުވެސް ގްރާންޓު ދޫކުރަން ދައުލަތުން ނިންމީ ދައުލަތުގެ އާމްދަނީ މި އަހަރާ އެއްވަރެއްގައި ހިފެހެއްޓޭނެ ކަމަށް ލަފާކުރެވޭތީއެވެ. އެހެންނަމަވެސް، 2028 ވަނަ އަހަރު މި އަދަދު 2.6 ބިލިއަނަށް އަދި 2029 ވަނަ އަހަރު 2.7 ބިލިއަން ރުފިޔާއަށް އިތުރުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން އަންދާޒާކުރެއެވެ.

އަންނަ އަހަރު ދޫކުރާ ގްރާންޓުން މަދުވާނެ ކަމަށް ބެލެވެނީ ހަމައެކަނި އައްޑޫ ސިޓީ ކައުންސިލަށެވެ. އެއީ އެ ސިޓީގެ އިދާރީ ދާއިރާގެ ތެރެއިން ހުޅުދޫ އާއި މީދޫ ވަކިވެފައިވާތީއެވެ.

ބްލޮކް ގްރާންޓުގެ އަދަދު ކަނޑައަޅަނީ ދައުލަތަށް ލިބޭ އާމްދަނީގެ ފަސް އިންސައްތައާއި، ރިސޯޓުތަކުގެ ބިމު ކުލިން ލިބޭ އާމްދަނީގެ 40 އިންސައްތަ ހިމަނައިގެންނެވެ. ރަށުގެ އާބާދީ، ބޮޑުމިން، މާލެއާ ހުރި ދުރުމިން އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ދޭ ފާފޯމަންސް ރިވިއުއަށް ބެލުމަށްފަހު ކައުންސިލްތަކަށް މި ގްރާންޓު ދޫކުރެއެވެ.

އެހެންކަމުން ކުރިޔަށް އޮތް ތިން އަހަރަށް ލަފާކުރާ މެދުރާސްތާ ބަޖެޓު އަންނަ ސެޕްޓެމްބަރު މަހު 18 ވަނަ ދުވަހުގެ ކުރިން ހުށަހެޅުމަށް ފިނޭންސް މިނިސްޓްރީން ވަނީ ކައުންސިލްތަކަށް އަންގާފައެވެ.

ގާނޫނު އަސާސީގައިވާ ގޮތުން، ކޮންމެ މާލީ އަހަރެއް ފެށުމުގެ ދެ މަސް ކުރިން ދައުލަތުގެ ބަޖެޓު ތައްޔާރުކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ދަތުރުވެރިން އަރާމުކުރުމަށާއި ކުޑަކުދިން ކުޅެން ވީއައިއޭގައި އައު ޖާގައެއް

ހުޅުލޭ ބޭރުގައި މިރޭ ހަވާ އަރުވަނީ

މިނިވަން ދުވަހުގެ އަސްކަރީ ހިނގާލުން މާދަމާ ހުޅުމާލޭގައި ބާއްވަނީ

ދިވެހި ފާމަސިސްޓުން ބިނާކުރުމަށް ކޯސްތައް ބޭއްވުމަށް ސްޓޭޓް ފާމާ ކުންފުނިން މަޝްވަރާކޮށްފި