ކަނޑުއޮތްގިރި ފިޝް ވިލެޖުން މަސްވެރިންނަށް އައިސް ވިއްކުމުގެ ހިދުމަތް ރަސްމީކޮށް ފަށާފައިވާ ކަމަށް މިފްކޯ އިން ހާމަކޮށްފިއެވެ.
މިފްކޯއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، ކަނޑުއޮތްގިރިން އައިސް ލިބޭނެ އިންތިޒާމު ހަމަޖެހިގެންދިއުމަކީ މާލެ ސަރަހައްދުގައި ހަރަކާތްތެރިވާ މަސްވެރިންނަށް ކުރިމަތިވަމުންދިޔަ ދަތިތަކަށް ލިބުނު ވަރަށް ބޮޑު ލުޔެއް ކަމަށެވެ. މާލެ ސަރަހައްދުގެ ބާޒާރަށް މިފްކޯގެ އުފެއްދުންތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ މަގްސަދުގައި، 25 ޓަނުގެ އައިސް ޕްލާންޓަކާއެކު ކަނޑުއޮތްގިރީގައި ހިކިމަސް ކާރުހާނާއެއް ހުޅުވާފައިވަނީ މި ހިނގާ ޖުލައި މަހުގެ 13 ވަނަ ދުވަހުއެވެ.
މިފްކޯއިން މައުލޫމާތު ދޭ ގޮތުގައި، އަލަށް ހުޅުވި ކާރުހާނާގައި ވަޅޯމަހާއި ހިކިމަސް ތައްޔާރުކުރުމުގެ މަސައްކަތްމިހާޜުވެސް ކުރިޔަށްދާއިރު، ކުރިއަށް އޮތް ތަނުގައި ރިހާކުރާއި މުގުރި މަސް ފަދަ ބާވަތްތައް އުފައްދަން ފަށާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
މިފްކޯއިން ބުނި ގޮތުގައި، ކަނޑުއޮތްގިރި ކާރުހާނާ ފަރުމާކޮށްފައި ވަނީ ސިއްހީ ގޮތުން އެންމެ ރައްކާތެރި، މަތީ ކޮލިޓީގެ މިންގަނޑުތަކަށެވެ. އަދި އެ ރަށުގައި މިހާރު ކުރިއަށްދާ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ނިމުމުން، ކަނޑުއޮތްގިރި ވެގެންދާނީ ރާއްޖޭގެ މަހުގެ އުފެއްދުންތައް ބޭރުގެ ބާޒާރުތަކަށް އެކްސްޕޯޓުކުރާ މައި މަރުކަޒަކަށެވެ.
ދައުލަތުގެ ބޭނުމަކަށް އެމްއެންޑީއެފްގެ ބެލެހެއްޓުމުގެ ދަށަށް ގެންދިއުމަށް ފަހު ކަނޑުއޮތްގިރި އަނބުރާ މިފްކޯއާ ހަވާލުކޮށް، އަލުން އޮޕަރޭޝަނަށް ގެނައީ މި އަހަރު ކުރީކޮޅު އެވެ. މިފްކޯ އިން ބުނީ ކަނޑުއޮތްގިރީގައި މިހާރު ހަދަމުން އަންނަ ކޯލްޑް ސްޓޯރޭޖް ނިމުމުން، މަހާއި މަހުގެ އުފެއްދުންތައް ރާއްޖެއިން ބޭރަށް އެކްސްޕޯޓު ކުރުމުގެ މައި މަރުކަޒެއްގެ ގޮތުގައި ވެސް އެ ރަށް ބޭނުންކުރާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު