މިހާރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައިގައި ގަދަވަޔާއެކު ކ. މާފުށީގައި ޕެރެސެއިލިން ކުރަން އުޅުނު ބައެއްގެ ވައިކުޑަ ފަޅައިގެން ގޮސްފިއެވެ.
މިހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
މައުލޫމާތު އެނގޭ މީހަކު “ހަވާސާ” އަށް ބުނީ، ވައިކުޑަ ފަޅައިގެން ގޮސްފައިވަނީ ފަތުރުވެރިން ޕެރެސެއިލިންގައި ތިއްބާ އައި ވިލާގަނޑަކާއި ގުޅިގެން އެމީހުން ތިރިކުރަން އުޅުނު ވަގުތު ކަމަށެވެ.
ވައިކުޑަ ފަޅައިގެން ގޮސް އެކަކު މޫދަށް ވެއްޓުނުއިރު، އަނެއް މީހާ ވައިކުޑައާއި އެކީ ގޮސް އޮޅުނީ އެރަށާއި ވަތްމާފުއްޓާއި ދެމެދު އަޅާފައިވާ ޒިޕްލައިނުގައި ކަމަށް އޭނާ ވަނީ ބުނެފައެވެ. އެވަގުތު އެސަރަހައްދުގައި ހަރަކާތްތެރިވި ބަޔަކު ޖެޓްސްކީގައި ގޮސް މޫދަށް ވެއްޓުނު މީހާ ސަލާމަތްކޮށްފައިވާއިރު، ޒިޕްލައިންގައި އޮޅުނު މީހާ ސަލާމަތްކޮށްފައިވަނީ ޒިޕްލައިންގައި މަސައްކަތް ކުރާ މީހުން ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
މިހާދިސާގައި އަނިޔާވެފައިވަނީ އެކަކަށެވެ. އެއީ ޒިޕްލައިން ފަޅައިގެން ގޮސް މޫދަށް ވެއްޓުނު މީހާއެވެ. އޭނާއަށް ވެސް މާ ބޮޑެތި އަނިޔާތަކެއް ނުވިނަމަވެސް ވެއްޓިގެން ގޮސް މޫދުގައި ޖެހުނު ވަގުތު ފަޔަށް ކޮންމެ ވެސް ވަރެއްގެ އަނިޔާތަކެއް ލިބިފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.
މިހާދިސާ ހިނގިއިިރު އެ 2 މީހުން ވެސް ތިބީ ލައިފްޖެކެޓް އަޅައިގެން ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
މިހާދިސާ ހިނގާފައިވާއިރު، މެޓް އޮފީހުން ވަނީ މިހާރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރަގައި ބައެއް ހިސާބުތަކަށް ވިލާގަނޑުގައި 35 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު