Advertisement
މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ތެރޭ ހިމެނޭ އެމްއެންޑީއެފްގެ ޝަރަފުގެ ހިނގައިލުން ކުރިއަށް ދަނީ --- ފޮޓޯ: ރައީސް އޮފީސް

ކުލަގަދަ ހަރަކާތްތަކަކާއި ހަވާ އެރުވުމާއެކު މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ ރަސްމިއްޔާތު ބާއްވައިފި

ރާއްޖޭގެ މިނިވަންކަމަށް 61 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް މިރޭ ބާއްވައިފިއެވެ.

މިނިވަން ދުވަސް ފާހަގަކުރުމަށް މި އަހަރު ބޭއްވި ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވީ ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު އަދި ސަޢޫދީ ޢަރަބިއްޔާގެ ވަޒީރުންގެ މަޖިލީހުގެ މެންބަރު، ހިޒް ރޯޔަލް ހައިނަސް ޕްރިންސް ޑރ. މަންޞޫރު ބިން މުތްޢިބު ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދެވެ.

Advertisement

މިރޭ ބޭއްވި ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދެ ކަނބަލުން ބައްލަވައިލެއްވިއެވެ.

މިރޭ ބޭއްވި ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތަކުގައި ވަނީ އެމްއެންޑީއެފްގެ ޝަރަފުގެ ހިނގައިލުމާއި ސިފައިން ބޭނުންކުރާ ބައެއް އުޅަނދުފަހަރު ދައްކައިލައިފައެވެ. އެއަށްފަހު އޮތީ ގައުމީ ކެޑޭޓް ކޯގެ ޝަރަފުގެ ހިނގައިލުމެވެ.

އޭގެ ފަހުން ޝަހީދު ޢަލީ ސްކޫލާއި ރެހެންދި ސްކޫލާއި އިސްކަންދަރު ސްކޫލުގެ 348 ދަރިވަރަކު ވަނީ ގައުމީ ރޫހާއި އެއްބައިވަންތަކަން ދައްކުވައިދޭ އައިޓަމެއް ހުށަހަޅައިދީފައެވެ.

މީގެ އިތުރުން ހޭވައްލާ ބޮޑުބެރު ގްރޫޕުގެ ފަރާތުން ސަގާފީ ހަރަކާތެއް ހުށަހަޅައިދިނެވެ.

އަދި ދިވެހި ލަޝްކަރުން މާޒީގައި ކުރި ހަނގުރާމައިގެ މިއުޒިކީ ތަމްސީލެއް އެމްއެންޑީއެފުން ވަނީ ހުށަހަޅައިދީފައެވެ. “މިނިވަންކަން”ގެ ނަމުގައި މި ހުށަހެޅުން ހުށަހަޅައިދީފައި ވަނީ ގައުމީ ޚިދުމަތުގެ ޕްރޮގްރާމް ފުރިހަމަކޮށް 72 ވަނަ ބޭސިކް މިލިޓަރީ ޓްރެއިނިން ފުރިހަމަކުރުމަށްފަހު އަލަށް ގުޅުނު ސިފައިންނެވެ.

މިރޭގެ ހަރަކާތް ނިންމައިލުމުގެ ގޮތުން ވަނީ ރަސްމީ ފާލަން ސަރަހައްދުގައި ހަވާ އަރުވައިފައެވެ.

ރާއްޖޭގެ މިނިވަން ދުވަހަކީ ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 26ވަނަ ދުވަހެވެ. ރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ލިބުނީ ޖުލައި 26، 1965 ގައެވެ. މިއީ އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި 77 އަހަރަށްވުރެ ގިނަ ދުވަހު އޮތުމަށްފަހު ލިބުނު މިނިވަންކަމެކެވެ.

މިނިވަންކަމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އޭރުގެ ބޮޑުވަޒީރު ސުމުއްވުލްއަމީރު އަލްމަރްހޫމް އިބްރާހީމް ނާޞިރެވެ. އަދި އިނގިރޭސި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސާ މައިކަލް ވޯކާއެވެ. މި ތާރީޚީ ރަސްމިއްޔާތު އޮތީ ސްރީލަންކާގެ ކޮޅުނބުގައި ހުންނަ އިނގިރޭސި ހައިކޮމިޝަނަރުގެ ގޭގައެވެ.

މިނިވަން ދުވަހަކީ ރާއްޖޭގައި ކުލަގަދަކޮށް ފާހަގަކުރާ ގައުމީ ބަންދު ދުވަހެކެވެ. މި ދުވަހުގެ މުނާސަބަތުގައި ސިފައިންގެ ހެވިކަމުގެ ކުޅިވަރުތަކާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ސަގާފީ ހަރަކާތްތައް ބާއްވަމުން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

މާލޭގައި ބާއްވަން ހަމަޖެހިފައި އޮތް “ބިޔޯން އަގެއިން” ޝޯ ނުބޭއްވޭނެކަން އަންގައިފި

ސަމާލުވޭ! ރާޅުގެ އުސްމިން 5 ފޫޓަށް، މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި

ހިމަބިހި ޖެހުނު މީހުންގެ އަދަދު 186އަށް

ދަތުރުވެރިން އަރާމުކުރުމަށާއި ކުޑަކުދިން ކުޅެން ވީއައިއޭގައި އައު ޖާގައެއް