އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު، މިހާރުގެ ސަރުކާރުން އެކި މުއައްސަސާތަކުން މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާ ދިއުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެކަން ކުށްވެރިކުރައްވައިފިއެވެ.
ޝާހިދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ނިވަލުގައި އޮވެ، ސަރުކާރުން އެމްޑީޕީގެ އާންމު މެންބަރުންނާއި އިސްލާހަށް ލޯބިކުރާ ރައްޔިތުން ވަޒީފާތަކުން ވަކިކުރަމުންދަނީ އެއްވެސް އުސޫލެއް ނެތި ކަމަށެވެ. އަދި މިއީ ސަރުކާރު ހިންގާ ޕީއެންސީގެ އެކްޓިވިސްޓުންނަށް ވަޒީފާ ދިނުމަށާއި، ސަރުކާރު ދެމެހެއްޓުމަށް ހިންގާ ހީލަތްތެރި އަމަލެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތަށް އަލިއަޅުއްވާލައްވަމުން ޝާހިދު ވިދާޅުވީ، ޑޮލަރުގެ އަގު އިންތިހާއަށް ބޮޑުވެ، އިގްތިސާދު ހީނަރުވެފައިވާ މި ދަނޑިވަޅުގައި ގިނަ އަދަދެއްގެ ބަޔަކު ވަޒީފާއިން ވަކިކުރުމަކީ އާއިލާތައް އިނދަޖައްސާލުމަށް ހިންގާ “އަނިޔާވެރި ޖަރީމާއެއް” ކަމަށެވެ.
ޝާހިދު ވަނީ ސަރުކާރުގެ ސިޔާސީ ވަޒީފާތަކަށް ކުރާ އިސްރާފާއި ކޮރަޕްޝަން ހުއްޓާލުމަށް ގޮވާލައްވާފައެވެ. އަދި އެ ފައިސާ ސަލާމަތްކޮށް، ރައްޔިތުންނަށް ވަޒީފާގެ ކަށަވަރުކަން ހޯދައިދިނުމަށް އޭނާ ސަރުކާރަށް ގޮވާލެއްވިއެވެ.
މީގެ އިތުރުން، ވަޒީފާއިން ވަކިކުރާ ފަރާތްތަކުގެ ދިފާއުގައި އެމްޑީޕީ އަބަދުވެސް އޮންނާނެ ކަމުގެ ޔަގީންކަން ދެއްވަމުން، އެމްޑީޕީގެ ވެރިކަމެއްގައި މިފަދަ ބޭއިންސާފުން ވަކިކުރާ މުވައްޒަފުންނަށް ބަދަލު ހޯދައިދޭނެ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
ސަރުކާރުން މުވައްޒަފުން ވަކިކުރާ މައްސަލާގައި އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ސަރުކާރުން ބުނަމުންދަނީ މިއީ ހަރަދު ކުޑަކުރުމުގެ ގޮތުން އަޅަމުންދާ ފިޔަވަޅުތަކެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު