ރޭ ތިލަފުށީ ކުނިގޮނޑުގައި ރޯވިއަލިފާންގަނޑު ކޮންޓްރޯލްކޮށްފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ ރޭ ތިލަފުށީ ވެމްކޯ ސައިޓުގައި ރޯވި އަލިފާން، އިތުރަށް ފެތުރިގެން ނުދާ ވަރަށް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ތިލަފުށީ ފަޔާ ސްޓޭޝަނުން ވަނީ މިހާރު ކޮންޓްރޯލްކޮށްފައި ކަމަށެވެ.
އެ ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ތިލަފުށީ ފަޔާ ސްޓޭޝަނަށް ލިބިފައިވަނީ ރޭ 22:20 ހާއިރު ކަމަށާއި މައުލޫމާތު ލިބުމުން، ތިލަފުށީ ފަޔާ ސްޓޭޝަނާއި، މާލެ ފަޔާ ސްޓޭޝަނުގެ ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ.
އެގޮތުން ކުރަމުންދާ މަސައްކަތުން އަލިފާންގަނޑު އިތުރަށް ފެތުރިގެން ނުދާ ވަރަށް ކޮންޓްރޯލް ކުރެވިފައިވަނީ މިއަދު 08:00 ހާއިރު ކަމަށް ވިދާޅުވިއެވެ.
ނަމަވެސް އަލިފާނުގެ އަސަރު ކުނިތަކުގައި ހުރުމުން ފަޔާފައިޓަރުން ދަނީ އަދިވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ކަމަށާއި ރޯވެފައިވަނީ ކުނިގޮނޑެއްގައި ކަމުން އެއްކޮށް އަލިފާން ނިއްވާލުމަށް އިތުރު ވަގުތު ހޭދަވާނެކަމަށް ބެލެވޭ ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު