ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ފާޠިމަތު އަމީޒާ ޢައްޔަން ކުރައްވައިފިއެވެ.
މީރާގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް އަމީޒާ ޢައްޔަން ކުރައްވާފައިވަނީ 16 ޖުލައި 2026 ވީ ބުރާސްފަތި ދުވަހުއެވެ.
މީރާގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް، ރައީސް ޢައްޔަން ކުރައްވާފައިވާ އަމީޒާ ވަނީ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ގައި 16 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައެވެ. އެ އޮތޯރިޓީގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލްގެ މަޤާމު ފުރުއްވާފައިވާ، ފާޠިމަތު އަމީޒާ ވަނީ ޓެކްސްގެ ސިޔާސަތުތައް އިޞްލާޙުކުރުމާއި، މުއައްސަސާ ހިންގުމުގެ ނިޒާމު ހަރުދަނާކުރުމާއި، މުޅި މުއައްސަސާގެ ފެންވަރުގައި އާމްދަނީ އިތުރުކުރުމުގެ ރޮނގުން ސާބިތުކަމާއެކު މަސައްކަތްކުރައްވާފައެވެ.
ފާޠިމަތު އަމީޒާގެ ޚިދުމަތުގެ ދިގު މުއްދަތުގައި، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ އެންފޯސްމަންޓް ޑިވިޜަންގެ އިސްވެރިއެއްގެ ހައިސިއްޔަތުން، ޑޭޓާ އެނަލިޓިކްސް އަދި ހެކީގެ މައްޗަށް ބިނާވެފައިވާ ސިޔާސަތުތައް ބޭނުންކުރައްވައިގެން، ނުލިބި ހުރި ޓެކްސް އަދި ޓެކްސް ނޫން އާމްދަނީ ހޯދުމުގެ މަސައްކަތް އެންމެ މަތީ ދަރަޖައަކަށް ގެންގޮސްދެއްވާފައިވެއެވެ.
ފާޠިމަތު އަމީޒާވަނީ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިއާއިން މާސްޓަރ އޮފް ސައިންސް އިން އެކައުންޓިންގ އަދި އޮކްސްފޯޑް ބްރޫކްސް ޔުނިވަރސިޓީއިން ބެޗެލަރސް ޑިގްރީ އިން އެޕްލައިޑް އެކައުންޓިންގ ހާސިލުކުރައްވާފައެވެ.
ޓެކްސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ހަސަން ޒަރީރު ފިނޭންސް މިނިސްޓަރުކަމަށް އައްޔަންކުރެއްވުމުންނެވެ. ފިނޭންސް މިނިސްޓަރަކަށް ޒަމީރު އައްޔަންކުރެއްވީ އެ މަގާމުގައި ކުރިން ހުންނެވި މޫސާ ޒަމީރު އިސްތިއުފާ ދެއްވުމުންނެވެ.
ޓެކްްސް ކޮމިޝަނަރުގެ މަގަމާށް ކުރިމަތިލާން ހުޅުވާލުމުން ކުރިމަތިލެއްވި މީހުންގެ ތެރެއިން އެ މަގާމަށް އައްޔަންކުރައްވަން ރައީސް ޑރ. މުއިއްޒު މަޖިލީހަށް ފޮނުއްވީ އަމީޒާގެ އިތުރުން މުހައްމަދު ހަލީމް އަބްދުﷲގެ ނަމެވެ.
މިދިޔަ ހޯމަ ދުވަހު މަޖިލީހުގެ އިގްތިސާދީ ކޮމިޓީން އެ ދެ ބޭފުޅުންނާ އިންޓަވިއުކޮށްފައިވާއިރު، ކޮމިޓީން މާކްސްދީ އެކުލަވާލި ރިޕޯޓު މިއަދުގެ މަޖިލީހުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ.
އެ ރިޕޯޓުގައިވާ ގޮތުން އެންމެ ގިނައިން މާކްސް ލިބިވަޑައިގަތީ އަމީޒާއަށެވެ. އެގޮތުން އަމީޒާއަށް 92.46 ޕަސެންޓު މާކްސް ލިބިވަޑައިގެންނެވިއިރު ހަލީމްއަށް ލިބިވަޑައިގަތީ 82.89 ޕަސެންޓެވެ. މިއަދުގެ މަޖިލީހުގެ ޖަލްސާގައި އެމްޑީޕީ އަދި ޕީއެންސީގެ ފަރާތުން ވެސް ފާހަގަކުރީ އެ ދެ ބޭފުޅުންނަކީ ވެސް މަގާމަށް ގާބިލު ބޭފުޅުން ކަމެވެ.


ކިޔުންތެރިންގެ ހިޔާލު