ލާމު އަތޮޅުގައި ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފައިވާ ދެވަނަ އެއާޕޯޓު އެ އަތޮޅު އިސްދޫ-ކަލައިދޫގައި ތަރައްޤީކުރުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، އެ އަތޮޅު މާވަށުގެ ސިޔާސީ މަޝްރަޙު ހޫނުވެ، ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ނިސްބަތްވާ އެ ރަށުގެ ބައެއް އިސް ފަރާތްތަކުން ސަރުކާރަށް ކުރަމުންދިޔަ ތާއީދު އަނބުރާ ގެންގޮސްފިއެވެ.
މި ނިންމުމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާއިން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ލާމު އަތޮޅުގެ ދެވަނަ އެއާޕޯޓު އެޅުމަށް ހަމަޖެހިފައިވަނީ އިސްދޫ-ކަލައިދޫގައި ކަމަށް އިޢުލާންކޮށްފައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މުހިންމު މަޝްރޫޢެކެވެ. ނަމަވެސް، މި އިޢުލާނާއެކު މާވަށުގެ ރައްޔިތުންގެ މެދުގައި ބޮޑެތި ނުތަނަވަސްކަމެއް އުފެދި، އެ ރަށުގެ ރައްޔިތުން ދަނީ ސަރުކާރާ ދެކޮޅަށް އަޑުއުފުލަމުންނެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ލާމު އަތޮޅުގެ އެއާޕޯޓާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ލާމު އަތޮޅުގައި ތިންވަނަ އެއާޕޯޓެއް އެޅުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށެވެ. އެމަނިކުފާނުގެ ވަޢުދުފުޅަކީ އެ އަތޮޅުގައި ދެވަނަ އެއާޕޯޓެއް ތަރައްޤީކުރުން ކަމަށާއި، އެ މަޝްރޫޢު ކުރިއަށްދާނީ މިހާރު އިޢުލާންކޮށްފައިވާ ފަދައިން އިސްދޫ-ކަލައިދޫގައި ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، އެއާޕޯޓު އެޅުމަށް ރަށްތައް ކަނޑައަޅަނީ ފަންނީ ގޮތުން ބަލަންޖެހޭ ކަންކަމަށް ބެލުމަށްފަހު، އެ ސަރަޙައްދެއްގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ކުރިއެރުމަށް އެންމެ ފައިދާހުރި ގޮތަށް ބަލައިގެން ކަމަށެވެ. އިސްދޫ-ކަލައިދޫގައި އެއާޕޯޓު އެޅުމަކީ އެ ސަރަޙައްދުގެ ފަތުރުވެރިކަމާއި އެހެނިހެން ޞިނާޢަތްތަކަށް ލިބޭނެ ބޮޑު ކުރިއެރުމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ މި ނިންމުމާ ގުޅިގެން މާވަށު ދާއިރާގެ ރައްޔިތުން ދަނީ މުޒާހަރާ ކުރަމުންނެވެ. އެ ދާއިރާގެ ރައްޔިތުން ބުނަމުންދަނީ މިއީ އެ ދާއިރާއަށް ލިބުނު ބޮޑު ބޭއިންސާފެއް ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ އެ ރަށު ރައްޔިތުންނަށް “އިތުރުފުޅު ހައްދަވާފައިވާ” ކަމަށެވެ. މާވަށަކީ ޕީއެންސީގެ ބޮޑު ތާއީދެއް އޮންނަ ރަށަކަށް ވީއިރު، އެއާޕޯޓު އެޅުމަށް އެ ރަށާ ދުރު ސަރަޙައްދެއް ކަނޑައެޅުމަކީ އެ ރަށުގެ ތަރައްޤީއަށް އެޅުނު ހުރަހެއް ކަމަށް މުޒާހަރާގެ ބައިވެރިން ބުނަމުންދެއެވެ.
މި މުޒާހަރާތަކުގައި ބައިވެރިވާ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި، ރިޔާސީ އިންތިޚާބުގެ ދުވަސްވަރު މާވަށު ރައްޔިތުންނަށް އުންމީދުތަކެއް ދީފައިވީ ނަމަވެސް، މިއަދު ފެންނަނީ އެ އުންމީދުތައް ފުނޑުފުނޑުވެގެންދާ މަންޒަރެވެ. މިކަމުގެ ސަބަބުން ރަށުގެ އިޖުތިމާޢީ އެއްބައިވަންތަކަމަށް ބުރޫއަރަމުންދާ ކަމަށްވެސް ބައެއް ރައްޔިތުން ފާހަގަކުރެއެވެ.

މި މައްސަލައިގައި އެންމެ ބޮޑު ސިހުމެއް ލިބިގެންދިޔައީ މާވަށުގައި ތިބި ޕީއެންސީގެ އިސް އެކްޓިވިސްޓުންނާއި ކީ-ޕާސަނުން ސަރުކާރަށް ކުރި ތާއީދު އަނބުރާ ގެންދިޔަ ކަން އިޢުލާން ކުރުމުންނެވެ. ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި އެ ފަރާތްތަކުން ދަނީ ރައީސް މުޢިއްޒަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
ޕީއެންސީގެ މާވަށު ގޮފީގެ ބައެއް އިސް މެންބަރުންނާއި މާވަށު ކައުންސިލް ރައީސްގެ (ޕީއެންސީ މެމްބަރެއް) އަޙްމަދު މޫސާ ގެ ދަރިފުޅު ފޭސްބުކް އަދި އެކްސްގައި ހާމަކޮށްފައިވާ ގޮތުގައި، އެ ފަރާތްތަކުން ދެން ސަރުކާރަށް އެއްވެސް އެއްބާރުލުމެއް ނުދޭނެއެވެ. “އަޅުގަނޑުމެން ކުރި ބުރަ މަސައްކަތުގެ ނަތީޖާއަކީ މިއަދު އަޅުގަނޑުމެން ބާކީކޮށްލުން. ރައީސްގެ ވަޢުދުފުޅު ފުއްދެވުމުގައި މާވަށު ރައްޔިތުންގެ ޙައްޤުތަކަށް ވަނީ އަރައިގެންފައި،” މާވަށު ޕީއެންސީގެ އިސް މެންބަރަކު އޭނާގެ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ލިޔެފައިވެއެވެ.

މި ސިޔާސީ ނިންމުމުގެ ސަބަބުން ލާމު އަތޮޅުގައި ވެރިކަން ކުރާ ޕާޓީއަށް އޮތް ބާރު ކުޑަވެދާނެ ކަމަށް ސިޔާސީ މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ. ޚާއްޞަކޮށް ކުރިއަށް އޮތް އިންތިޚާބުތަކުގައި މީގެ ނޭދެވޭ އަސަރު ފެނިދާނެ ކަމަށް ބެލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު