Advertisement

ކާމިޔާބު ސިއްހީ ނިޒާމުގެ މުގުލަކީ ހަމްދަރީ: ސާޖިދާ

ކާމިޔާބު ކޮންމެ ސިއްހީ ނިޒާމެއްގެ މުގުލުގައި ވަނީ ހަމްދަރުދީވުމާއި، އިހްލާސްތެރިކަމާއި، އިންސާނިއްޔަތަށް ކުރާ ހިދުމަތްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަގްވާމީ ދަތުގެ ކޮންފަރަންސް “ހިނިތުން 2025″ގެ އިފްތިތާހީ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެކަމަނާ ވަނީ ކޮންފަރަންސުން ހާސިލްކުރެވޭ ކަންކަމުގެ އަލީގައި ދަތުގެ ސިއްހަތާ ގުޅުންހުރި މޮޑެލްތައް، ބަދަލުވަމުން އަންނަ އާބާދީގެ ބޭނުންތަކާ އެއްއުއިވާ މޭރުމަކުން އަލުން ބައްޓަން ކުރެއްވުމަށް އިލްތިމާސް ކުރައްވާފަ އެވެ.

Advertisement

މީގެ އިތުރުން ބަލި ޖެހުމުގެ ކުރިން ރައްކާތެރިކަން ހޯދުމާއި، ފަންނިއްޔާތާއި އީޖާދުކުރުމުގެ އެހީގައި މެދުކެނޑުމެއް ނެތި އުނގެނެމުންދިއުމާއި، ހިދުމަތް ހޯދުމަށް ހުރި ފުރުސަތުތައް އިތުރުކުރުން ފަދަ ވަށާޖެހޭ ވިސްނުންތައް އިސްކުރުމުގެ މުހިއްމުކަން ފާހަގަކުރެއްވި އެވެ.

މެޑަމް ސާޖިދާ ވިދާޅުވީ ސިއްހީ ދާއިރާގައި ޖުމުލަ ގޮތެއްގައި ހޭލުންތެރިކަން އިތުރުވަމުން ދިޔަ ނަމަވެސް ދަތާއި އަނގައިގެ ސިއްހަތުގެ ކަންކަމަކީ ނިސްބަތުން ސަމާލުކަން ނުދެވޭ ދާއިރާތަކެއް ކަމަށެވެ. އެހެންވެ އެކަމަނާ ވަނީ އެ ދާއިރާއިންވެސް ކުރިއެރުން ހޯދުމަށް ހުރި ފުރުސަތުތައް ފާހަގަކުރައްވާފަ އެވެ. އަދި އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމާއި، ސިއްހަތަށް ރަނގަޅު ކާނާ އިހްތިޔާރުކުރުމާއި، ގަވާއިދުން ދަތުގެ ޗެކަޕްތައް ހެދުމަކީ، ދަތުގެ ސިއްހަތުގެ މުހިއްމު ބަހާތައް ކަމުގައި ވިދާޅުވި އެވެ.

ދަތުގެ ސިއްހަތާއި މީހާގެ ދުޅަހެޔޮކަމާ ހުރި ގުޅުންތަކުގެ މައްޗަށް ބައްލަވާލައްވަމުން އެކަމަނާ ވަނީ ދަތްފަނިކެއުމާއި ހިރުގަނޑުގެ ބަލިތަކަށް ފަރުވާނުކުރެވި، އަނގައިގެ ކެންސަރު އިތުރުވަމުންދާކަން ފާހަގަކުރައްވާފަ އެވެ. އަދި މި ކަންކަމަށް ހައްލު ހޯދުމަށް ސިއްހީ ނިޒާމު ހަރުދަނާކޮށް، ސިޔާސަތުތައް ކަނޑައެޅުމަށް އެކަމަނާ ގޮވާލެއްވި އެވެ.

“ކާމިޔާބު ކޮންމެ ސިއްހީ ނިޒާމެއްގެ މުގުލުގައި ވަނީ ހަމްދަރުދީވުމާއި، އިހްލާސްތެރިކަމާއި، އިންސާނިއްޔަތަށް ކުރާ ހިދުމަތް. އެހެންވެ މިއަދު ފެށި ކޮންފަރަންސަކީ ސިއްހީ ހިދުމަތުގެ މައިގަނޑު ބައެއްގެ ގޮތުގައި ދަތުގެ ފަރުވާ ބަލައިގަންނާނޭ ފަދަ މުސްތަގުބަލެއް ބިނާކުރުމަށް، ގުޅިގެން މަސައްކަތްކުރުމަށް ޢަޒުމުކަނޑައަޅާ މަންސައަކަށް ހަދަންޖެހޭ،” އެކަމަނާ ވިދާޅުވި އެވެ.

ހިނިތުން 2025 އަކީ ދަތުގެ ފަރުވާގެ ހިދުމަތް ހަރުދަނާކުރުމުގެ މަގުސަދުގައި ދާއިރާގެ މާހިރުންނާއި މަސްލަހަތުވެރިންގެ ބައިވެރިވުމާއެކު ދިވެހިރާއްޖޭގައި ބާއްވާ މި ފަދަ ފުރަތަމަ ބައިނަލްއަގްވާމީ ކޮންފަރަންސެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް